ކޮންމެ މީހަކު ވެސް ބަލަނީ އަވަސް ގޮތަކަށް ބަރުދަން ލުއި ކުރެވޭތޯ އެވެ. ކުރު މުއްދަތެއްގައި ނަތީޖާ ހޯދޭތޯ އެވެ ނަމަވެސް ނިއުޓްރިޝަނިސްޓުން ވިދާޅުވަނީ ކުއްލިއަކަށް ބަރުދަން ލުއިކުރުމަކީ ނުވަތަ "ކްރޭޝް ޑައިޓް" ކުރުމަކީ ހެދޭ ބޮޑު ގޯހެއް ކަމަށެވެ.

ކުއްލިއަކަށް ބަރުދަން ލުއިވުމަކީ އެގޮތަށް އެއްވަރެއްގައި ބަރުދަން ހިފަހައްޓައިދޭނެ ކަމެއް ނޫނެވެ. މީގެ އިތުރުން މިއީ ހަށިގަނޑުގެ މެޓަބޮލިޒަމް ލެވެލް ދަށްވެ، ކުއްލިއަކަށް ފަލަވެ ބަރުދަން އިތުރުވާނެ ކަމެއްވެސްމެ އެވެ.

ރަނގަޅު ޑައިޓެއް ކޮށްގެން، ކަސްރަތާއެކު ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަކީ އެގޮތަށް އެއްވަރެއްގައި ހިފަހަައްޓައިލެވޭނެ ކަމެކެވެ. އެގޮތުން ކެއުމަށް ގެންނަ ބަދަލަށް ހޭނި، ހަށިގަނޑަށް ފައިދާހުރި ލައިފްސްޓައިލް އަކަށް ހަށިގަނޑު ހޭނޭނެ އެވެ.

ކުއްލިއަކަށް ބަރުދަން ލުއިކުރުމަކީ ގިނަ ސިއްހީ މައްސަލަތައްވެސް ކުރިމަތިވާނެ ކަމެކެވެ. އެގޮތުން ކެއުމަށް ގެންނަ ކުއްލި ބަދަލާއެކު ހަށިގަނޑަށް އެތެރެވާ ވިޓަމިންސް، މިނަރަލްސް އަދި އެހެނިހެން ނިއުޓްރިޝަންސްގެ މިންވަރު މަދުވެ އެވެ. މިއާއެކު ހަށިގަނޑުން ހަކަތަ މަދުވެ ވަރު ދެރަވާތަން އަތުވެދާނެ އެވެ.

ހަށިގަނޑު ދުޅަހެޔޮކަން މަތީ ބަހައްޓައިގެން ބަރުދަން ލުއިކުރަން ބޭނުން ނަމަ ހަށިގަނޑަށް އެއްވެސް ފައިދާއެއް ނުލިބޭ ހެވީ މީލްސް ތައް ކެއުމުން ދުރުވާށެވެ. ބެލެންސް ޑައިޓެއް ނަގަމުން ކަސްރަތުކޮށް ފެން ބޯށެވެ. ހަށިގަނޑަށް ބޭނުންވާ އަރާމުވެސް ދޭށެވެ.