ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން، މަސްތުވާތަކެއްޗާއެކު ޕާޓީކުރަމުން ދަނިކޮށް ހައްޔަރު ކުރި 12 މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައިފި އެވެ.

އޭގެ ތެރެއިން ތިން މީހަކަށް 30 ދުވަސް ޖަހާފައިވެ އެވެ.

ހުޅުމާލެ އާއި މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް، ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އަށް ފިރިހެނުންނާއި ހަތަރު އަންހެނުންނެވެ.

އެނގިފައިވާ ގޮތުގައި މަސްތުވާތަކެއްޗާއެކު ޕާޓީކުރަމުންދިޔަ ގްރޫޕް އަތުލައިގަތީ ސޯސަންމަގު ހުރި ގެއެއްގެ ތެރޭގައި ތިއްބަ އެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މަޝްހޫރު ބައެއް މީހުންނާއި ފިލްމީ ތަރިއަކު ވެސް ހިމެނޭ ކަމަށްވެ އެވެ.

ކުރިމިނަލް ކޯޓުން އެމީހުންގެ ބަންދަށް މުއްދަތު އިތުރުކޮށްފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހަކު 30 ދުވަހުގެ މުއްދަތަށް ބަންދުކުރަން ކޯޓުން ވަނީ އަމަރުކޮށްފަ އެވެ. އެގޮތުން 31 އަހަރު އަންހެނަކާއި، 38 އަހަރުގެ ފިރިހެނަކާއި، 23 އަހަރުގެ ފިރިހެނެއްގެ މައްޗަށް 30 ދުވަހުގެ ބަންދު ޖަހާފައިވެ އެވެ.

މި މައްސަލާގައި ހައްޔަރުކުރި 37 އަހަރުގެ އަންހެނަކު ފަސް ދުވަހަށް ބަންދުކުރަން މުއްދަތު ޖަހާފައިވާއިރު، 27 އަހަރުގެ އަންހެންމީހާ 3 ދުވަހަށް އަދި 26 އަހަރުގެ އަންހެނަކު 7 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވެ އެވެ. އަދި 34 އަހަރުގެ ފިރިހެނަކު ފަސް ދުވަހަށް އަދި 36 އަހަރުގެ ފިރިހެން މީހާ ފަސް ދުވަހަށް އަދި 26 އަހަރުގެ ދެ ފިރިހެނުން ތެރެއިން އެކަކު 15 ދުވަހަށް އަދި ދެން ހުރި މީހާ ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވެއެވެ. އަދި 27 އަހަރުގެ މީހަކު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވެ އެވެ.

މި އޮޕަރޭޝަން އަދިވެސް ކުރިއަށްދާތީ، ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.