ފެނަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް މުހިއްމު އެއްޗެކެވެ. އިންސާނާ ދުޅަހެޔޮ ސިއްހަތެއްގައިވުމަށް އެދޭނަމަ ދުވާލަކު ދޭއް ނުވަތަ ތިން ލީޓަރުގެ ފެން ބޯންޖެހެ އެވެ. ދިރާސާތައް ބުނާގޮތުން ފެނާ ނުލައި އިންސާނާއަށް ދިރިހުރެވޭނީ ގިނަވެގެން ތިން ދުވަހެވެ.

އެހެންކަމުން ފެނަކީ އިންސާނާގެ ހަށިގަނޑުގެ ގުނަވަންތައް އޭގެ އެންމެ އެދެވޭ ގޮތުގައި މަސައްކަތްކުރުމަށްޓަކައި ވަރަށް މުހިންމު އެއްޗެކެވެ.

ރަނގަޅަށް ފެން ނުބޮވޭނަމަ ކާތަކެތި ހަޖަމުކުރުމުގެ މައްސަލަ ވަރަށް އަވަހަށް ދިމާވެ އެވެ. މިކަން ކުރިމަތިވެއްޖެނަމަ ބަނޑުހިކުމުގެ މައްސަލަ ދިމާވެ ބޮޑުކަމުދިއުމަށް ދަތިތައް ކުރިމަތިވެ އެވެ. އެހެންކަމުން ކާތަކެތި ފަސޭހައިން ހަޖަމުކޮށް ބަނޑުހިކުުމުން ރައްކާތެރިވުމަށްޓަކައި ގިނައިން ފެންބުއިން ވަރަށް މުހިންމެވެ.

ޒުވާން އުމުރުގައި ގައިގެ ހަންގަނޑު ހިކި ކުރަކިވެ، ރީތިކަން ގެއްލުމަކީ ގިނަ މީހުން ހިތާމަކުރާނެ ކަމެއްކަން ޔަގީނެވެ. ތަފާތު ޑޮކްޓަރީ ބޭހާއި މޭކަޕް ސާމާނު ބޭނުންކުރުމަށް ސިކުނޑި މަޖުބޫރުކުރުވާ ކަމެއްވެސްމެ އެވެ. ނަމަވެސް މިއީ ހައްލެއް ނޫނެވެ.

ދާއިމީ ހައްލަކީ ގިނައިން ފެން ބުއިމެވެ. ހަންގަނޑު އޮމާންވެ ހަންގަނޑުގައި ތެތްކަން ބެހެއްޓުމަށްޓަކައި ފެންބޯ މިންވަރު އިތުރު ކުރާށެވެ. ކެމިކަލްތަކުން ފުރިފައިވާ މޭކަޕް ސާމާނުގެ ބޭނުމެެއް ނުޖެހޭނެ އެވެ. ބިހިތަކާއި ލަކުނުތައްވެސް ފިލުވައިލުމަށް ގިނައިން ފެންބުއިމަކީ މޮޅު ގޮތެކެވެ.

އަވަހަށް ވަރުބަލިވެ އެނބުރުން އެރުމަކީ ހަށިގަނޑުގައި ފެން މަދުވުމުން ދިމާވާ މައްސަލަ އެކެވެ. ކިޑްނީގެ މައްސަލަތަކާވެސް ގިނަ މީހުންނަށް ކުރިމަތިލާން ޖެހެނީ އެކަށީގެންވާ މިންވަރަށް ފެން ނުބޮވޭތީ އެވެ.

ގިނައިން ފެން ބުއިމަކީ ހަށިގަނޑުގައިވާ ޖަރާސީމު ނައްތާލުމަށް އެންމެ ފަސޭހަ ގޮތެވެ. ހަށިގަނޑުން ޖަރާސީމު ނައްތާލެވޭނަމަ ތަފާތު ބަލިމަޑުކަމުން އިންސާނާ ރައްކާތެރިކޮށްދޭނެ އެވެ.