ނިއުދިއްލީ (14 ޑިސެމްބަރު) - ރާއްޖެއާއި އިންޑިއާ ދެމެދު ޖިނާއީ ތަހްގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުން މިއުޗުއަލް ލީގަލް އެސިސްޓެންސް ޓްރީޓީ (އެމްއެލްއޭޓީ)ގެ ދަށުން ކޯޓް އަމުރު ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތްތައް ކަނޑައަޅައިފި އެވެ.

މިއުޗުއަލް ލީގަލް އެސިސްޓެންސް ޓްރީޓީ (އެމްއެލްއޭޓީ)ގައި ދެ ގައުމުގެ ސަރުކާރުން ސޮއި ކުރީ ސެޕްޓެމްބަރު 3، 2019 ގަ އެވެ. ނަމަވެސް އެ އެއްބަސްވުމުގެ ދަށުން އަމަލުކުރާނެ ގޮތްތަކެއް ނިންމީ މިދިޔަ ނޮވެމްބަރު 28 ވަނަ ދުވަހު ސްރީލަންކާގެ ކޮލަމްބޯގައި އޮތް ބައްދަލުވުމުގައި ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވާލް އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްދަލުކުރެއްވުމަށްފަހު ކަމަށް ވެ އެވެ.

މި އެއްބަސް ވުމުގައި ވާގޮތުން ޖިނާއީ ކުށްތައް ހުއްޓުވުމާއި، ކޯޓް އަމުރަށް ހާޒިރުކުރުމާއި، ކޯޓް އަމުރު ތަންފީޒްކުރުމުގަ އާއި، ޓެރަރިޒަމް ކުށްތައް ހުއްޓުވުމާއި އެފަދަ ކަންކަމަށް ފައިސާ ހަރަދުކުރުމުގެ ކަންކަމާއި އަދި އެހެނިހެން ޖިނާއީ ކުށްތައް ހުއްޓުވުމުގައި އެއްބާރުލުން ދިނުމަށް އެއްގައުމު އަނެއް ގައުމަށް އެހީތެރިވާނެ އެވެ.

އިންޑިއާގެ ފުލުހުން ނުވަތަ އެހެން ތަހްގީގީ އިދާރާއަކުން ހޯދާ މީހަކު ރާއްޖޭގައި ހުރެއްޖެނަމަ އެ މީހަކު ކޯޓަށް ހާޒިރުކުރުމަށް ނުވަތަ ތުހުމަތު ކުރެވޭ މީހާ އުޅޭ ތަނާއި، އެ މީހަކު ގެންގުޅޭ ތަކެތި ބަލާ ފާސްކުރުމުގެ އަމުރު ފޮނުވުމުގައި އިންޑިއާ ކޯޓްތަކުން އަމަލުކުރާނެ ގޮތް ހޯމް އެފެއާޒް މިނިސްޓްރީން ވަނީ ހުކުރު ދުވަހު އާންމުކޮށްފަ އެވެ.

މި ގޮތުން ރާއްޖޭގައި ހުރި މީހަކު ޖިނާއީ އެއްވެސް މައްސަލައެއްގައި ކޯޓަށް ހާޒިރުކުރުމަށް ނުވަތަ އެމީހާ އުޅޭތަނާއި ގެންގުޅޭ ތަކެތި ބަލާ ފާސްކުރުމުގެ ހުރިހާ އަމުރެއް ފޮނުވަންވާނީ ހޯމް އެފެއާޒް މިނިސްޓްރީ މެދުވެރިކޮށެވެ. ހަމަ އެގޮތަށް އިންޑިއާގައި ހުރި މީހެއް ކޯޓަށް ހާޒިރުކުރުމަށް ނުވަތަ އެމީހާ އުޅޭތަނާއި ގެންގުޅޭ ތަކެތި ބަލާ ފާސްކުރުމަށް ރާއްޖޭގެ ކޯޓަކުން އަމުރުކޮށް އެ އަމުރު ތަންފީޒުކުރުމަށްފަހު ފެންނަ ތަކެތި އެ ކޯޓަކަށް ފޮނުވަން ވާނީ ހޯމް އެފެއާޒް މިނިސްޓްރީ މެދުވެރިކޮށް ކަމަށެވެ.

ޖިނާއީ ތަހްގީގަށް އެއްބާރުލުން ދިނުމުގެ މި ފަދަ އެއްބަސްވުން 42 ގައުމަކާއެކު އިންޑިއާއިން ވެފައިވެ އެވެ.

މިދިޔަ ޖުލައި މަހު އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ބަޔާނުގައި ވަނީ މި އެގްރީމަންޓްގެ ސަބަބުން ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ދިވެހި ރައްޔަތުންނަށް ލިބިދީފައިވާ ރައްކާތެރިކަމާއި ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ. އަދި ރައްޔަތުންގެ މަޖިލީހުން މިއެއްބަސްވުމަށް ރުހުން ދޭން ފާސްކުރީ 65 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓްދެއްވީ 11 މެމްބަރުންނެވެ. – ދަ ހިންދޫ