ޖީއެސްޓީ ބިލަށް ވޯޓަށް ނާހާތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބައްދަލުކުރެއްވި މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަލާލާތް ކުރައްވައިފި އެވެ.

ރައީސް ނަޝީދު މިކަމަށް މަލާމާތްކުރައްވާ ވާހަކަފުޅު ދެއްކެވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރޭގަ އެވެ.

އެކަމަށް އިޝާރާތް ކުރައްވައި މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މެންދުރު ގަޑީގައި މުލިއާ ގެއަށް ވަޑައިގަތީ ފަރިއްކުޅުވާން ކަމަށެވެ.

"ޔަގީން އެހެންވީމަ އެއީ ގަރުދިޔަ އާއި ބަތާ ކަން،" މަލާމާތުގެ ރާގަކުން ނަޝީދު ވިދާޅުވި އެވެ.

ޓެކްސް ބިލު ބޮޑުކުރަން ސަރުކާރުން ހުށަހެޅި ބިލަށް ވޯޓު ނުނެގުމުން ރައީސް ސޯލިހުގެ ފެކްޝަންގެ މެމްބަރުން އިއްޔެ ވަނީ ރައީސް މުހައްމަދު ނަޝީދު، ގަވާއިދާ ހިލާފަށް މަޖިލީސް ހިންގަވަމުންދާ ކަމަށް ވިދާޅުވެ، ޝަކުވާއައިގެން ރައީސްގެ އަރިހަށް ވަޑައިގެންފަ އެވެ. އަދި ރައީސް ނަޝީދު ރައީސް ކަމުން ވަކި ކުރުމަށް ރައީސް ސޯލިހަށް ހުށައެޅުއްވި އެވެ. ނަމަވެސް ރައީސް ސޯލިހު އެކަމަށް ތާއީދު ނުކުރެއްވި ކަމަށް މައުލޫމާތު ލިބެ އެވެ.

ރައީސްގެ އަރިހަށް ވަޑައިގަން ފަހުން މިއަދު ވަނީ އެ ބިލަށް ވޯޓަށް އަހައި ބިލު ފާސްވެސްކޮށްފަ އެެވެ.