މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިހާރު ފާސްކޮށްފައިވާ ރީބްރޯޑްކާސްޓް ކުރުމާބެހޭ ގަވައިދު ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން އެ ކޮމިޝަނަށް އަންގައިފި އެވެ.
ހަމައެކަނި ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަނި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ލިބޭ ގޮތަށް ރީބްރޯޑްކާސްޓިން ގަވައިދު، އިސްލާހުކުރުމަކީ އެ ކޮމިޝަނަށް ލިބިގެންވާ ގާނޫނީ ބާރެއް ނޫން ކަމަށް ނިންމައި އެ ގަވައިދު އިސްލާހުކުރަން އެ ކޮމިޝަނަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މިއަދު ނިންމާފަ އެވެ.
ރީބްރޯޑްކާސްޓިން ގަވައިދު އިސްލާހުކުރުމަށް ބްރޯޑްކޮމްއަށް އަންގަން ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގެވެ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ތާއީދުކުރެއްވި އެ ހުށަހެޅުން މިއަދު ފާސްކުރީ ކޮމިޓީއަށް ވަޑައިގެން ތިއްބެވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. މި ގަވާއިދުގެ ސަބަބުން ރީބްރޯޑްކާސްޓިން ދާއިރާއަށް ނުފޫޒު ފޯރާ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރެއްގައި ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި އެ ގަރާރު ދިރާސާކުރުމުގެ މަސައްކަތް ވެސް ގަވައިދު ކޮމިޓީން ގެންދަނީ ކުރަމުންނެވެ.
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ބްރޯޑްކާސްޓިން ކޮމިޝަނުން އެ ގަވައިދު ބަދަލުކުރަން ޖެހޭނެ އެވެ.