އެކި ބޭނުންތަކުގައި ހެޑްފޯންތަކާއި ހެޑްސެޓް ބޭނުންކުރާ މީހުންގެ އަދަދު ދިވެހިންގެ ތެރޭގައި ވެސް އަންނަނީ އިތުރު ވަމުންނެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި މި އާދަ އަންނަނީ މޫ ލަމުންނެވެ. ހެޑްސެޓް ޖަހައިގެން އުޅޭ ވަގުތު ގިނަވަމުން އަންނައިރު އެއިން ލިބޭ ގެއްލުމާ މެދު ވިސްނާލިން ހެއްޔެވެ؟

ބީއެމްޖީ ގްލޯބަލް ހެލްތު ޖާނަލްގައި ޝާއިއު ކޮށްފައިވާ ދިރާސާއެއްގައި ބުނާގޮތުން ދުނިޔޭގެ އާބާދީގެ އެއް ބިލިއަން މީހުންނަކީ ހެޑްސެޓް ބޭނުން ކުރުމުގެ ސަބަބުން އިވުމުގެ ހިއްސު ގެއްލުމުގެ ނުރައްކާ އޮތް މީހުންނެވެ.

"އުމުރުން 12 އަހަރާއި 34 އަހަރު އަހަރާ ދެމެދުގެ 1.35 ބިލިއަން މީހުންނަކީ ނުރަނގަޅު ގޮތުގައި ހެޑްސެޓް ބޭނުންކުރާ މީހުން" އެ ދިރާސާގައި ބުނެފައިވެ އެވެ.

ހެޑްސެޓާއި ހެޑްފޯނުތައް ބޭނުން ކޮށްގެން މާ ބާރަށް ލަވައާއި މިއުޒިކް ޖެހުމަކީ ކަންފަތުގެ ތެރޭގައި ހުންނަ ހިމަ ނާރުތައް ފަޅައިގެން ދިއުމަށް މެދުވެރިވާ ކަމެއް ކަމަށާއި މާ ގިނައިރު ވަންދެން މިގޮތަށް އަޑު އަހާނަމަ ކަންފަތް ބީރުވުން ވެސް ދުރު ނޫން ކަމަށް ދިރާސާގައި އިސްކޮށް އުޅުއްވި ބޭފުޅަކު ވިދާޅުވި އެވެ.

ދިރާސާގައި އިތުރަށް ބުނެފައިވަނީ ހެޑްސެޓުތަކުން އިވޭ އަޑަކީ ރައްކާތެރި މިންވަރަށްވުރެ އެތައް ގުނައެއް ބާރަށް އިވޭ އަޑެއް ކަމަށާއި ދުވާލަކު ދެ ގަޑިއިރު ހެޑްސެޓް ބޭނުން ކުރުމަކީ ވެސް ދިގު މުއްދަތުގެ ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ.

މިފަދަ ހިތާމަވެރި ނަތީޖާތަކުން ދުރުވެ ތިބުމަށްޓަކައި ޓެކްނޮލޮޖީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދިރާސާގައި ގޮވާލާފައިވެ އެވެ. އެގޮތުން މާ އަޑުބާރު ކަމަށް ސްމާޓްފޯނުތަކުން އަންގާނަމަ އެކަމަށް ސަމާލުވުމަށް ބުނެފައިވެ އެވެ.

"އިވުމުގެ ހިއްސަކީ އެކަކު އަނެކަކާ ގުޅުވައިދިނުމުގައި އެންމެ މުހިއްމު ހިއްސު. އެހެން ކަމުން މި ހިއްސަށް އިތުރަށް ފަރުވާތެރިވާން ޖެހޭ".