ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 459 ގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ ކުރިއާ މެދުވެރިކޮށް މިމަހުގެ ދިހަ ވަނަ ދުވަހު އެމެރިކާއިން ރާއްޖެ ގެނެސްފައިވާ ޕާރުސަލެއް ބަލައި، ފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން, އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ބަލާ ފާސްކުރި ޕާރްސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް - ހާބަލްއަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 459 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 367،000.00 ރުފިޔާއަށް އަރަ އެވެ.

މިއީ މިއަހަރުގެ މިހާތަނަށް މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެފައިވާ 5 ވަނަ ފަހަރެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 19.44 ކިލޯގެ ކެނެބިސްވެސް ވަނީ އަތުލައިގަނެފަ އެވެ.

މިމައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތި ވަނީ ފުލުހުންނާއި ހަވާލުކޮށްފަ އެވެ.