އެވްރެޖް ފާހާނާއަކަށްވުރެ އަންހެނެއްގެ އަތްދަބަހުގައި ޖަރާސީމު ހުންނަ މިންވަރު އިތުރު ކަމަށް މިފަހުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

އިނގިރޭސިވިލާތުގެ އިނިޝިއަލް ވޮޝްރޫމް ހައިޖީންއިން ކުރި މި ދިރާސާއިން ދައްކާ ގޮތުގައި ކޮންމެ ފަސް ދަބަހަކުން އެއް ދަބަހެއްގެ އަތްގަނޑަކީ ޖަރާސީމުން ފުރިގެންވާ އެއްޗެކެވެ.

މިގޮތުން ފާހާނާ ތައްޓެއްގެ މަތިގަނޑަށްވުރެ އަތްދަބަހަށް އަޅާފައިހުންނަ އަތްދޮންނަ ކްރީމް ފުޅީގައި ޖަރާސީމު ހުންނަ މިންވަރު ގިނަ އެވެ. އެހެން ނަމަވެސް ދަބަހަށްލާ މޭކަޕް ބާވަތްތަކުގެ ހާލަތު ކްރީމް ފުޅިއަށް ވުރެ ރަނގަޅުކަމަށް މިދިރާސާއިން ދައްކަ އެވެ.

މި ދިރާސާ ކުރި ފަރާތްތަކުން ހާމަކުރައްވާ ގޮތުގައި ލެދާ އަތް ދަބަހުގައި ޖަރާސީމު އަށަގަންނަ މިންވަރު އިތުރެވެ. އެހެނީ މަޑު ޓެކްސްޗާ އަކީ ޖަރާސީމު އާލާވެ، ފެތުރިގަތުމަށް ބޭނުންވާ މާއްދާތައް އޭގައި އެކުލެވޭ އެއްޗެކެވެ. އެހެންކަމުން އެންޓި ބެކްޓީރިއަލް ޖެލް ބޭނުންކޮށްގެން ގަވާއިދުން އަތް ދަބަސް ސާފުކުރުމަށް ތަޖުރިބާކާރުން އިރުޝާދު ދެއްވަ އެވެ.

އަތް ދަބަހަކީ ހަށިގަނޑާއި އެތަން މިތަނުގައި ޖެހޭ އެއްޗެއް ކަމަށާއި އެކި އެކި ޖަރާސީމުގެ ސަބަބުން ނުރައްކާތެރި ބަލިތަށް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އިނިޝިއަލް ހައިޖީންގެ ޓެކްނިކަލް މެނޭޖަރު ޕީޓަރ ބަރާޓް ވިދާޅުވެފައިވެ އެވެ.

އަތްދަބަހަކީ ދިވެހި އަންހެނުންގެ މެދުގައި ވެސް އާއްމު ކަމުން އަތްދަބަސް ބޭނުންކުރާ ފަރާތްތަކުން އެތަކެތީގެ ސާފުތާހިރުކަމާމެދު ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއް ކަމެކެވެ.