އަހަރެމެން ގަބޫލު ކުރަންޖެހޭ އެހެން ހަގީގަތެއް އެބައޮތެވެ. އެއީ ކަސްރަތު ކުރުމަކީ ހަމައެކަނި ބޮޑެތި މީހުން ކުރަން ޖެހޭ ކަމެއް ނޫން ކަމެވެ. ކުޑަކުދިންނަށް ވެސް ކަސްރަތު ކުރުމުގެ މުހިއްމުކަން ބޮޑެވެ.
އިނގިރޭސިވިލާތުގައި ދާދިފަހުން ކުރި ސާވޭ އަކުން ދެއްކި ގޮތުގައި 12 އަހަރާއި 15 އަހަރާއި ދޭތެރޭ އުމުރުގެ 17 ޕަސެންޓް ފިރިހެން އަދި 16 ޕަސެންްޓް އަންހެން ކުދިންނަކީ މާ ބަރުކޮށް ތިބޭ ކުދިންނެވެ. އެހެން ގޮތަކަށް ބުނަނީނަމަ އެއީ ފަލަ ކުދިންނެވެ. ކުޑަކުދިންގެ ތެރެއިން ހަތަރު ބައިކޮށްގައި ތިން ބައިކުދިންނަކީ އެގައުމުގައި ދުވާލަކު އެއްގަޑިއިރުގެ ކަސްރަތު ނުލިބޭ ކުދިންނެވެ.
ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް އަންނަ ބަދަލުތަކަށް ބަލާއިރު، ކަސްރަތު ލިބޭ ފަދަ ކުޅިވަރުތަކާ ކުދިން ދަނީ ދުރުވަމުންނެވެ. ކޮމްޕިއުޓަރު ގޭމްތަކާއި ޓީވީ ގޭމްތައް މުނިފޫހިފިލުވުމުގެ ބައިވެރިއަކަށް ވެފައިވުމުން ކަސްރަތު ލިބޭފަދަ ކުޅިވަރުތަކާ ކުދިން ދަނީ ދުރުވަމުންނެވެ.
އެހެން ކަމުން ކުދިންނަށް ދުޅަހެޔޮ ސިއްހަތެއް ހޯދައި ދިނުމަށްޓަކައި، ކަސްރަތު ކުރުވަން އާދަކުރަން ޖެހެ އެވެ. ވަގުތު ފާއިތު ނުވަނީސް ކޮންމެވެސް ކުޅިވަރެއްގައި އެކުދިން ބައިވެރި ކުރުވާށެވެ.
ކަސްރަތު ކުރުމުން ލިބޭ ޖިސްމާނީ ފައިދާ ތަކުގެ އިތުރުން އެހެން ފައިދާ ތައް ވެސް ކުދިންނަށް ލިބެ އެވެ. ސުކޫލުގައި ފިލާވަޅު ދަސްކުރުމާއި އިމްތިހާނު ތަކުގެ ސަބަބުން ލިބޭ ބޮލުގައި ރިހުންތައް ފިލުވާލައި ކަމަކަށް ކަސްރަތުވެ އެވެ. އަދި ތިމާގެ ދަރިފުޅަށް އިތުރު ރަހްމަތްތެރިން ހޯދުމަށްވެސް ކަސްރަތު އެހީތެރިވެ އެވެ.
ކަސްރަތު ކުރުމުގެ ތެރެއިން ކުދިންގެ ގައިގައި ހުންނަ ހުނަރުތައް ފެނިގެންދެ އެވެ. އެހުނަރުތައް ދެނެގަނެވިއްޖެ ނަމަ އެކަންކަން ތަރައްގީ ކޮށްގެން ދަރިފުޅަކީ މޮޅު އެތުލީޓަކަށްވެސް ހެދިދާނެ އެވެ.
ކުޑައިރުން ފެށިގެން ތިމާގެ ދަރިފުޅަކީ ކަސްރަތު ކުރުމަށް ލޯބި ޖެހިގައި ހުރި ކުއްޖަކަށް ހެދިއްޖެނަމަ، ބޮޑު ވުމުން ވެސް އެއާދަތައް ހިފަހައްޓާނެ އެވެ. އެކަމުގެ ސަބަބުން ހިތުގެ ބަލިތަކާއި ފަލަވުމުން ދިމާވާ އެހެން މައްސަލަތަކުން ސަލާމަތްވުމަށް އެހީތެރިވާނެ އެވެ.