މީޑިއާ ނެޓާއި ބްރޯޑްކޮމް ގުޅިގެން ހިންގަނީ ބޮޑު ޖަރީމާއެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ސިފަކުރައްވައިފި އެވެ.
ޝިޔާމް މިއަދު މިގޮތަށް ޓުވީޓު ކުރެއްވީ ވޯލްޑް ކަޕްގެ މެޗުތައް ދެއްކުމަށް މީޑިއާނެޓުން ހުށަހެޅި އަގުތައް ބޮޑު ކަމަށް ބުނެ، ބައެއް ރިސޯޓުތަކުން މެޗުތައް ނުދައްކާތީ މުވައްޒަފުންގެ ޝަކުވާތަކާ ގުޅިގެންނެވެ.
ރާއްޖޭގައި ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ގަނެފައި ވަނީ މީޑިއާނެޓުންނެވެ. ވޯލްޑް ކަޕް ދެއްކުމަށް މީޑިއާނެޓުން ނިންމާފައި ވަނީ އެ ކުންފުނީގެ އަމިއްލަ ޗެނަލް ކަމަށްވާ އައިސް ނެޓްވޯކުގެ އިތުރުން، ރާއްޖެ ޓީވީ އަދި ޕީއެސްއެމްގެ ޔެސް ޓީވީންނެވެ.
ރިސޯޓުތަކާއި ހޮޓާތަކުން ވޯލްޑް ކަޕްގެ މެޗުތައް ދެއްކުމަށް މީޑިއާނެޓުން ވަނީ ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އޭގެ ދަށުން އަގު ނަގަނީ، ކޮންމެ މެޗަކަށް ކޮންމެ ކޮޓަރިއަކަށް 1 ޑޮލަރުގެ ރޭޓުން، އެވްރެޖުކޮށް %65-75 އޮކިއުޕެންސީއަށް ބިނާކޮށެވެ.
ޝިޔާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިސޯޓްތަކުގައި ދިވެހި އެތައް މުވައްޒަފުންނެއް ވޯލްޑްކަޕް ބެލުމުން މަހުރޫމުވެފައިވާ ކަމަށެވެ. މިއީ ބްރޯޑްކާސްޓިން ކޮމިޝަނުން ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި ހިލާފަށް ގަވައިދަކުން ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމަށް މީޑިއާނެޓާއި އެކީ ހިންގާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީޑިއާނެޓްގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އޭޑީކޭ ކުންފުނީގެ ވެރިޔާ އަހްމަދު ނާޝީދު (އޭޑީކޭ ނާޝިދު)ގެ ހިއްސާ އޮވެ އެވެ.
ރާއްޖޭގައި ރީ ބްރޯޑްކާސްޓިން ހިދުމަތްދޭ ހުރިހާ ފަރާތްތަކަށް ތަފާތުކުރުމެއް ނެތި އިންސާފުވެރިކަމާއި ވާދަވެރިކަމާއިއެކު ވިޔަފާރިކުރެވޭނެ މާހައުލެއް ގާއިމްކޮށްދީ، ވަކިބައެއްގެ ނުފޫޒުން ކުދި އޮޕަރޭޓަރުންގެ ވިޔަފާރިތައް ހަލާކުކޮށްލުމަށް ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ސަރުކާރަށް ގޮވާލައި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވަނީ ރައްޔިތުންގެ މަޖިލީހަށް ގާރާރެއް ވެސް ހުށައަޅާފަ އެވެ.
މި ގަރާރުގައި ރީބްރޯޑްކާސްޓިން ގަވައިދު ބްރޯޑްކޮމްއިން ބަދަލުކޮށްފައި ވަނީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން ކަމަށްވެސް ބުނެފައިވެ އެވެ.
މި ގަރާރު މަޖިލީހުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާ ދިރާސާ ކުރަމުންނެވެ.
މަޖިލީހުގެ ކޮމިޓީން ވަނީ ރީބްރޯޑްކާސްޓިން ގަވައިދު ބަދަލުކުރުމަށް ވެސް ބްރޯޑްކޮމްއަށް އަންގާފަ އެވެ. ނަމަވެސް އެ ކޮމިޝަނުން ބުނީ ގަވައިދު ބަދަލުކުރެވޭނީ ކޯޓުގައި އޮތް ދިރާގު ޓީވީގެ ލައިސަންސްގެ މައްސަލަ ނިމުމުން ކަމަށެވެ.
ޓީވީއެމުން ވެސް ވަލްޑް ކަޕު ފެންނަނީ މީޑިއާނެޓު ނުވަތަ ދިރާގު ޑީކޯޑަރ މެދުވެރިކޮށް އެކަނި. މަހުފީ ދައްކާން ނުޖެހޭ ޖެނެރިކް ޑީކޯޑަރ ތަކުން މެޗު ނުފެންނަގޮތަށް ވަކިގަޑިތަކެއްގަ ޓީވީއެމް ޗެނަލްތައްވެސް ކަނޑާލާފަ ހުންނައިރު މިކަމާ އަޅާލާނެ އެއްވެސް ފަރާތެއް ނެތީމަ އެބަ އެނގޭ ބޮރޯޑުކޮމް އާއި ޕީއެސްއެމް ދަށުވެފައޮތް މިންވަރު.