ދޯހާ (26 ނޮވެންބަރު) – ފިފާ ވޯލްޑް ކަޕްގައި މިއަދު ޓިއުނީޝިއާ އަތުން 1-0 އިން މޮޅުވެ، އޮސްޓްރޭލިއާ އިން ވޯލްޑް ކަޕްގައި ކުރިއަށް ދިއުމުގެ އުންމީދު ދަމަހައްޓައިފި އެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ފްރާންސް އަތުން ބަލިވެފައި އޮތުމުން، މިއަދުގެ މެޗުން މޮޅުވެގެން ނޫނީ މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތެއް އޮސްޓްރޭލިއާ އަށް ނެތެވެ. އޮސްޓްރޭލިއާ ޓީމުން މެޗު ފެށި ގޮތުންވެސް، ކުޅުންތެރިން ތިބީ އެކަން ހަނދާންކޮށްގެންކަން ފެނުނެވެ.

ޓިއުނީޝިއާ ފަހަތަށް ޖައްސާލައިގެން އޮސްޓްރޭލިއާ އިން ފުރަތަމަ ހާފުގައި ދެއްކި ކުޅުމުން ނަތީޖާ ފެނުނީ މެޗުގެ 23 ވަނަ މިނިޓުގައި އެ ޓީމުގެ މިޗެލް ޑިއުކް ޖެހި ލަނޑުންނެވެ. ކްރެއިގް ގުޑްވިން އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ޑިއުކް ބޮލުން އަމާޒުކޮށްލީ ގޯލުގެ ދުރު ކަނަށެވެ.

މެޗުގެ ދެވަނަ ހާފުގައި ޓިއުނީޝިއާ އިން ލަނޑެއް ޖެހުމަށް މަސައްކަތްކުރި ނަމަވެސް އޮސްޓްރޭލިއާގެ ޑިފެންސްލައިނާއި ގޯލްކީޕަރު މެތިއު ރަޔަން ވަނީ ޓިއުނީޝިއާގެ ހަމަލާތައް ހުއްޓުވައިފަ އެވެ.

ގުރޫޕް ޑީގައި ކުޅުނު ދެ މެޗަށް ފަހު ޓިއުނީޝިއާ އޮތީ އެއް ޕޮއިންޓާއެކު އެވެ. ދެ މެޗުން އެ ޓީމަށް އަދި ލަނޑެއް ނުޖެހެ އެވެ.

މި ގުރޫޕްގައި މިރޭ ޑެންމާކާ ދެކޮޅަށް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އެވެ. މި މެޗުން މޮޅުވެއްޖެނަމަ، ފްރާންސަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެ އެވެ.