މިދިޔަ އަހަރު މާލެއިން އަތުލައިގަތް 119 ކިލޯގެ ޑްރަގުގެ މައްސަލައިގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި ތިން މީހުންގެ ތެރެއިން އެކަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

ޓެކްސީއަކާއި އިތުރު ކާރަކާއި ސައިކަލެއްގައި ފޮރުވާފައި ހުއްޓާ އެ ޑުރަގް އަތުލައިގަތީ ރާއްޖެއަށް ޑުރަގް އެތެރެކުރުމަށްފަހު އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެވެ.

މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ގދ. ހޯނޑެއްދޫ ތިން މީހުން ކަމަށްވާ އަލީ ޒުބައިރާއި އަހުމަދު ސުނައިނާއި އަހުމަދު މުޖާހިދުގެ މައްޗަށެވެ. މި މީހުންގެ ތެރެއިން ދޫކޮށްލީ މުޖާހިދެވެ.

ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކާއެކު އެވެ. އެގޮތުން ދައުލަތުގެ ހެކިންނާއި މުއާސަލާތު ނުކުރުމާއި ހެއްކަށް ނުފޫޒު ނުފޯރުވުމާއި ކޯޓުން އަންގާ ގޮތެއްގެ މަތިން ކޯޓަށް ހާޒިރުވުން ހިމެނެ އެވެ. އޭގެ އިތުރުން ދިރިއުޅުމުގެ އަސާސީ ކަންކަން ފުއްދުމަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުދިއުން ހިމެނެ އެވެ

މުޖާހިދު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމީ މައްސަލަ ބަލާ ސެކްޝަނުގައި ދާއިމީ ފަނޑިޔާރެއް ނެތުމުން މައްސަލައިގެ އަޑުއެހުންތައް އެކަށީގެންވާ އަވަސްމިނެއްގައި ކުރިއަށް ނުގެންދެވޭ ކަމަށް ބުނެ އެވެ.

އޭރު އެ މައްސަލަ ބަލަމުން ދިޔައީ ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ. ނަމަވެސް އޯގަސްޓް 9 ގައި އޭނާ ހައިކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރި ފަހުން މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެއް ނުވެ އެވެ.

އެ ތިން މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނިންމީ މިދިޔަ މާޗް މަހު 9 ގަ އެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މުޖާހިދަކީ އަރުޝަދުގެ ބޭބެ އެވެ. ފުލުހުން ބުނާ ގޮތުގައި މި ޑްރަގަކީ އަރުޝަދު އިސްވެ ހުރެ އޭނާގެ އިރުޝާދުގެ ދަށުން އެތެރެ ކުރި ތަކެއްޗެވެ. އަދި ހައްޔަރު ކުރި ތިން މީހުން ވެސް އަމަލީ ގޮތުން އެކަމުގައި ބައިވެރިވެފައިވާ ކަމަށް ބުނެއެވެ.