ކަލާޒް ޓީވީއިން މިހާރު ގެނެސްދޭ މަގުބޫލު ރިއަލިޓީ ޝޯ "ބިގްބޮސް 16" މިހަފްތާގައި ހަތް ބައިވެރިޔަކު ގެއިން ބޭރުވުމަށް އެލިމިނޭޓް ވެފައިވާއިރު މިހަފްތާގައި ދެ ބައިވެރިޔަކު މި ޝޯއިން ވަކިވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިދިޔަ ހަފްތާގައި "ބިގްބޮސް" ގެއިން އެއްވެސް ބައިވެރިޔަކު ބޭރުވެފައި ނުވާތީ މި ހަފުތާގައި ދެ ބައިވެރިޔަކު "ބިގްބޮސް" ގެއިން ބޭރުކޮށްލުމަށް ޝޯ އުފައްދާ ފަރާތުން ވަނީ ނިންމާފަ އެވެ. އެހެން ނަމަވެސް މިކަމާ ބެހޭ ގޮތުން ކަލާޒް ޓީވީއިން އަދި ޝޯ އުފައްދާ ފަރާތުން ވެސް ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.

ބިގްބޮސްގައި މިދިޔަ ހަފްތާގައި ނޮމިނޭޓްވެފައި ވަނީ ޓިނާ ދައްތާ، ޝަލީން ބަނޯތު، ސުންބުލް ތައުގީރު، ސާޖިދު ޚާން، އެމްސީ ސްޓޭން އަދި ޕްރިޔަންކާ ޗޯދަރީ އެވެ.

އެންމެ ފަހު "ބިގްބޮސް" ގެއިން ބޭރުކޮށްލާފައި ވަނީ "ސާތު ނިބާނާ ސާތިޔާ 2"އިން މަޝްހޫރުކަން ހޯދި ގޯތަމް ވިޖް އެވެ.

މި ހަފްތާގައި ވެސް ބިގްބޮސްއިން އެކި ޑްރާމާތައް ފެނިގެން ގޮސްފަ އެވެ. ދެ ގުރޫޕަކަށް ބެހިގެން ގޮސްފައިވާއިރު މިހަފްތާގައި ބިގްބޮސްގެ ރާނީ އަކަށް ހޮވިފައިވަނީ ނިމްރަތު ކޯރު އަހުލޫވާލިއާ އެވެ.

ބިގްބޮސް 16ގެ ތިން ބައިވެރިން ކަމަށްވާ ޕްރިޔަންކާ، ޓީނާ އަދި ނިމްރިތް

މީގެ އިތުރުން ހަފްތާ ބަންދުގައި ސަލްމާން ޚާން ގެނެސްދޭ އެޕިސޯޑްތައް ދައްކާނެ ވަގުތު މިވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން ހުކުރު ދުވަހުގެ ބަދަލުގައި ސަލްމާން ދެން ބައްދަލުކުރާނީ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުގެ ރެ އެވެ. ހަފްތާ ބަންދުގެ އެޕިސޯޑްތައް މިހާރު ކަލާޒް އިން ދައްކާނީ 9 ޖަހާއިރު އެވެ. ދެން ދައްކާނީ 9:30 ހާއިރު އެވެ.

ހަފްތާ ބަންދުގެ އެޕިސޯޑްތައް ސަލްމާން ހޯސްޓް ކުރާއިރު، ބިގްބޮސްގެ ބައިވެރިންގެ ފަރާތުން ފެނިގެންދާ ނުރަގަޅު ކަންތައްތައް ފާހަގަކޮށް އެކަންތައް ރަގަޅު ކުރުމަށް ސަލްމާން ނަސޭހަތް ދޭނެ އެވެ.