ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތް، އައިސިސްގެ އިސް ލީޑަރެއް ކަމަށްވާ އަބޫ ހަސަން އަލް ހާޝިމީ އަލް ގުރައިޝީ ހަނގުރާމައިގެ މައިދާނުގައި މަރުވެފައިވާ ކަމަށް އެ ޖަމާއަތުން އިއުލާން ކޮށްފި އެވެ.

މިކަން އިއުލާން ކުރަމުން އައިސިސްއިން ވަނީ ހާޝިމީގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރާނެ ފަރާތެއް ވެސް ބުނެފަ އެވެ. އެގޮތުން ހާޝިމީގެ ޖާގަ ދެން ފުރުއްވާނީ އަބޫ އަލް ހުސައިން އަލް ހަސަން އަލް ގުރައިޝީ އެވެ.

ހާޝިމީގެ ތަރުޖަމާނަކު އާއްމުކުރި އޯޯޑިއޯގައި އިތުރަށް ބުނެފައިވަނީ ހާޝިމީ މަރުވީ އިރާގުގައި ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދަނިކޮށް ކަމަށެވެ. ހާޝިމީގެ މަރުގެ އިތުރު ތަފްސީލެއް އޭނާ ދީފައެއް ނުވެ އެވެ.

ހާޝިމީއަކީ ކީރިތި ރަސޫލާގެ ދަރިކޮޅު ކަމަށްވާ ގުރައިޝް ވަންހައަށް ނިސްބަތްވާ ފަރާތެއް ކަމަށް ދައުވާ ކުރެ އެވެ. އައިސިސްގެ ހުރިހާ އިސް ލީޑަރުން ވެސް ނިސްބަތް ވަނީ އެ ދަރިކޮޅަށް ކަމަށް އެ ޖަމާއަތުން ބުނެ އެވެ.

2014 ވަނަ އަހަރު އިރާގާއި ސީރިއާގައި އައިސިސްގެ ބާރުގަދަވި ނަމަވެސް މިފަހުން އެ ބާރު ވަނީ ގެއްލިފަ އެވެ. އެހެން ނަމަވެސް އެ ޖަމާއަތަށް ނިސްބަތްވާ ސިއްރު އެޖެންޓުން އަދިވެސް މެދު އިރުމަތީގައި ހަރަކާތްތެރިވަމުން ދެ އެވެ.

ހާޝިމީގެ ކުރިން އެ މަގާމުގައި ހުރި އަބޫ އިބްރާހިމް އަލް ގުރައިޝީ ވަނީ މި އަހަރުގެ ކުރީކޮޅު ސީރިއާގެ އިދްލީބުގައި މަރުވެފަ އެވެ. -- އަލް އަރަބިއްޔާ