ދޯހާ (2 ޑިސެމްބަރު) – ފީފާ ވޯލްޑް ކަޕްގެ ގުރޫޕް އީގައި މިރޭ ކޮސްޓަ ރީކާ އަތުން 4-2 އިން މޮޅުވިޔަސް، ޖަރުމަން މުބާރާތުގެ ގުރޫޕް ސްޓޭޖުން ކަޓައިފި އެވެ. މިއީ ޖަރުމަން ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން ޖެހިޖެހިގެން ކެޓި ދެވަނަ ފަހަރެވެ.
ގުރޫޕް އީގައި މިރޭ ފަހަތުން އަރައި ސްޕެއިން އަތުން 2-1 އިން މޮޅުވެ، ގުރޫޕްގެ އެއްވަނަ ހޯދީ ޖަޕާނެވެ. ދެވަނަ އަށް ދިޔައީ ހަތަރު ޕޮއިންޓާއެކު އޮތް ސްޕެއިން އެވެ. ޖަރުމަން ވެސް ހަތަރު ޕޮއިންޓް ހަމަކުރިޔަސް، ލަނޑުގެ ތަފާތުން އެ ޓީމަށް ލިބުނީ ތިން ވަނަ އެވެ. ކޮސްޓަ ރީކާ ވޯލްޑް ކަޕް ނިންމާލީ ތިން ޕޮއިންޓާއެކު ތާވަލްގެ ފުލުގަ އެވެ.
މި މެޗަށް ނިކުތްއިރު ވެސް، ޖަރުމަނަށް އޮތީ ދެވަނަ ބުރުގެ ފުރުސަތެއް ހޯދަން މޮޅުވާން މަޖުބޫރުވެފަ އެވެ. މެޗުން ތިން ޕޮއިންޓް ހޯދި ނަމަވެސް، ޖަޕާން މޮޅުވުމުން ޖަރުމަންގެ އުންމީދުތައް ވަނީ ފެނަށްގޮސްފަ އެވެ.
މެޗުގެ ކުރީކޮޅު ސާޖް ގެނާބީ ޖެހި ލަނޑާއެކު ޖަރުމަނުން ފެށުން ރަނގަޅުކުރި އެވެ. އެކަމަކު ދެވަނަ ހާފުގައި ޔެލްސްޓިން ތެޖޭޑާ އާއި ހުއާން ޕަބްލޯ ވާގަސް ޖެހި ލަނޑާއެކު، ކޮސްޓަ ރީކާ އިން އެ ޓީމު ކޮޅަށް މެޗު އެނބުރާލިއެވެ. ކޮސްޓަ ރީކާ މޮޅުވި ނަމަ، ސްޕެއިން އާއި ޖަރުމަން ވެސް މުބާރާތުން ކެޓުމުގެ ފުރުސަތު އޮތެވެ.
އެކަމަކު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖަރުމަންގެ ކައި ހަވާޓްޒް ޖެހި ދެ ލަނޑާއެކު ޖަރުމަނުން އަލުން ލީޑު ނެގި އެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ނިކްލަސް ފުލްކްރޫގްގެ ލަނޑާއެކު ޖަރުމަނުން ފަރަގު ބޮޑުކުރިޔަސް، އެ ޓީމުގެ އަމާޒު ހާސިލެއްނުވި އެވެ.
އަލަމްގިރި ކަޓަންވާނެ. ރަނގަޅު ފިލާވަޅެއް ލިބިއްޖެއެއްނު! ރަށަށްދޭ.