އެމްޑީޕީއަށް ސިޔާސީ ގޮތުން އުޖާލާ ކުރިމަގެއް އަދިވެސް އެބައޮތް ކަމަށާއި ރާއްޖޭގެ ވެރިކަން އެ ޕާޓީން އެތައް ޒަމާނެއް ވަންދެން ކުރާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގދ. ތިނަދޫ އެމްޑީޕީ ހަރުގޭގައި ރޭ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި ޒަމާންތަކަކަށް ދެމި އޮންނާނެ ކަމަށާއި އެކަން އެގޮތަށް ކުރަން ޖެހެނީ ޕާޓީގެ ސިޔާސަތުތައް ތަންފީޒުކޮށް ރައްޔިތުންގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތް ކުރުމަށް ކަމަށެވެ.

އެމްޑީޕީއަކީ ސިޔާސީގޮތުން އުޖާލާ ކުރިމަގެއް އޮތް ޕާޓީއެއްކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ ސިޔާސީ ގޮތުން އެމްޑީޕީއަށް ނާކާމިޔާބުވާން ނެތް ކަމަށާއި އެމަނިކުފާނުގެ އުއްމީދު ނުގެއްލޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި މަސައްކަތުގައި ދެމި ތިބެވެންޖެހޭ އެންމެ މުހިއްމު، ހަމައެކަނި ސަބަބަކީ ވެސް މި ޕާޓީގެ ސިޔާސަތުތައް ތަންފީޒުކޮށް ރައްޔިތުންގެ އާންމު ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރުމަށް މަސައްކަތް ކުރުން،" ނަޝީދު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ނަޝީދު އިއުލާން ކުރައްވާނެ ކަމުގެ އަޑުތަކެއް ފެތުރުނު ނަމަވެސް މި ޖަލްސާގައި އެފަދަ ކަމެއް އިއުލާން ކުރައްވާފައެއް ނުވެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ރައީސް ނަޝީދު ރޭ ވެސް ތަކުރާރުކުރެއްވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ މުހިއްމުކަމާ ބެހޭ ގޮތުންނެވެ.

ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ އެމްޑީޕީގެ މެނިފެސްޓޯގައި އެންމެ ފުޅާކޮށް ލިޔުނު އެއް ވާހަކައަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން އެމްޑީޕީ އަށް ފެންނަ ވާހަކަ ކަމަށެވެ. އަދި 18 މަސް ދުވަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމާއި ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން ވައުދުވި ކަމަށާއި ނަމަވެސް އެ ވޯޓެއް އަދި ނާހާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ ތަނުގައި ރައްޔިތުންގެ ގާތުގައި އެ ވާހަކަ ނާހާ ދެން އިތުރު ވާހަކައެއް އަހަން އުޅުމަކީ ބުއްދިވެރި ކަމެއް ނޫން. ކުރީގައި ބުނި ކަންތައްތަކުގެ ވާހަކަ ނިމުމުން އެހެން ވާހަކައަކާ ދިމާލަށް އެނބުރުން ބުއްދިވެރީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެ މަސައްކަތައް ރައީސް ސޯލިހުގެ ތާއީދު ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލްކުރައްވާ ކަމަށެވެ.