މައިގްރެެއިންގެ އުނދަގުލާ ކުރިމަތިވެފައިވާ ޒުވާނުންނާއި ފުރާވަރުގެ ކުދިންގެ ކިބައިން ވިޓަމިން މަދުވުމުގެ މައްސަލަ ފާހަގަވެފައިވާ ކަމަށާއި ބައެއް ވިޓަމިންތައް މަދުވުމަކީ މައިގްރެއިންގެ ރިހުމާ ކުރިމަތިވާ ސަބަބު ކަމަށް ވެދާނެ ކަމަށް ސައިންސްވެރިން އާ ދިރާސާއަކުން ދައްކައިފި އެވެ.

"ވިޓަމިން މަދުވުމުގައި މައިގްރެެއިންގެ ވޭނާ ކުރިމަތިލާން ޖެހޭ ސަބަބުކަން ކަށަވަރު ކުރުމަށް އަދި އިތުރު ޓެސްޓްތައް ހަދަންޖެހޭ،" ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅަކު ވިދާޅުވެފައިވެ އެވެ.

މި ދިރާސާކުރި ހޮސްޕިޓަލުން ވަނީ މައިގްރެެއިން ހުންނަ ފުރާވަރުގެ ކުދިންނާއި ކުޑަކުދިންނާއި ޒުވާނުންގެ މައުލޫމާތު އެއްކޮށްފަ އެވެ. މި އެއްކުރި މައުލޫމާތުން އެނގުނު ގޮތުގައި މައިގްރެއިން ހުރި ވަރަށް ގިނަ ކުދިންނަކީ ހަށިގަނޑުގައި ވިޓަމިން ޑީ އާއި ރިބޮފްލަވިން އަދި ކޫއެންޒައިން 10 މަދު ކުދިންނެވެ.

ކޫއެންޒައިން 10 އަކީ ސެލްތަކުގެ ހެދިބޮޑުވުމަށާއި މަރާމާތަށް ބޭނުންވާ ވިޓަމިނެއް ފާޑުގެ މާއްދާއެއް ކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ.

މީގެ ކުރީގެ ބައެއް ދިރާސާތަކުގައި ވެސް ވަނީ ހަށިގަނޑަށް ބޭނުންވާ ވިޓަމިން ބޭނުންކޮށްގެން މައިގްރެއިން އަށް ފަރުވާ ކުރެވިދާނެތޯ ބަލައިފަ އެވެ. ނަމަވެސް އެ ދިރާސާތަކުން ވެސް ވަކި ނަތީޖާއެއް ކަނޑައެޅޭ ވަރެއް ނުވި އެވެ. އެކި ފަހަރު ނަތީޖާ ދައްކާފައި ވަނީ އެކި ގޮތަށެވެ.

އެހެން ނަމަވެސް ކަނޑައަޅިގެން އެނގޭ ކަމަކީ ހަށިގަނޑުގައި ވިޓަމިން މަދުވުމަކީ މައިގްރޭންގެ ރިހުންތަކަށް މަގުފަހި ކުރުވާ އެއް ސަބަބު ކަމެވެ.