ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ދެ މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފި އެވެ.

ޖޭއެސްސީން ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވަނީ ސ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހާޝިމް އާއި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޒިޔާދާ ތާހިރުގެ އެވެ.

ޖޭއެސްސީން ބުނެފައިވަނީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މައްސަލައަކަށްފަހު އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު އަމަލުކޮށްފައިވާކަމަށް ބެލެވޭތީ ތަހުގީގު ކުރަން ފެށި މައްސަލައިގެ ތަހުގީގުގެ ތެރެއިން އިސްމެޖިސްޓްރޭޓް މުހައްމަދު ހާޝިމް އާއި މެޖިސްޓްރޭޓް ޒިޔާދާ ތާހިރު ވެސް މި ތުހުމަތުގައި ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.

ޖޭއެސްސީން ބުނާ ނޫސް ބަޔާނަކީ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ނެރުނު ބަޔާނަކަށް ރައްދު ދިނުމުގެ ގޮތުން ނެރުނު ބަޔާނެކެވެ.

ގާޒީންގެ ސުލޫކީ މައްސަލަތައް ބެލުމަށްފަހު ޖޭއެސްސީން ވަނީ މީގެ ކުރިންވެސް ފިޔަވަޅު އަޅާފަ އެވެ. އެގޮތުން ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި ބައެއް ފަނޑިޔާރުން ބައެއް ކަހަލަ ތަމްރީން ޕްރޮގްރާމުތައް ފުރިހަމަކުރުމަށްވެސް ދަނީ އަންގަމުންނެވެ.