މިހާރު ގަތަރުގައި ކުރިއަށް ގެންދާ ވޯލްޑް ކަޕްގެ މެޗެއް ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމަށް ވަޑައިގަންނަވަނީ އަމިއްލަފުޅު ހަރަދުގައި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ވޯލްޑްކަޕްގެ މެޗެއް ބައްލަވާލެއްވުމަށް ރައީސް ގަތަރަށް ވަޑައިގެންނެވުމަށް ގަތަރުގެ އަމީރު ޝެއިހް ތަމީމް އަލް ސާނީ އޮތީ ދައުވަތު ދެއްވާފަ އެވެ.
އެ ދައުވަތު ގަބޫލުފުޅު ކުރައްވާ މެޗެއް ބައްލަވާލެއްވުމަށް ރައީސް ވަޑައިގަންނަވާނެކަން ރައީސް އޮފީހުން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ރައީސް ގަތަރަށް ވަޑައިގަންނަވާނީ މުބާރާތުގެ ސެމީ ފައިނަލް މެޗެއް ނުވަތަ ފައިނަލް މެޗް ބައްލަވާލެއްވުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސަރުކާރުން ޓެކްސް ބޮޑުކޮށްފައިވާ ދަނޑިވަޅެއްގައި ފުޓްބޯޅަ މެޗެއް ބައްލަވަން ރައީސް ގަތަރަށް ވަޑައިގަންނަވާތީ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އަދި ރާއްޖޭގެ މާލީ ހާލަތު ދަށްވެފައިވާ ވަގުތެއްގައި މިފަދަ ދަތުރުފުޅެއް ރައީސް ވަޑައިގަންނަވާތީ ގިނަބަޔަކު ފާޑުކިޔަމުން ދަނިކޮށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވިދާޅުވީ، ރައީސް ގަތަރަށް ވަޑައިގަތުމަށް ޓިކެޓު ނަންގަވާނީ އެމަނިކުފާނުގެ އަމިއްލަފުޅު ޖީބުން ކަމަށާއި، ދަތުރުފުޅުގައު ހުރުމާއި ފަރިއްކޮޅު ހަމަޖައްސަނީ، ގަތަރު ސަރުކާރުން ކަމަށެވެ.
ރައީސް ސޯލިހު ގަތަރަށް ފުރާވަޑައިގަންނަވާނެ ތާރީހެއް އަދި ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.