ކުރިއަށްއޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި އިދިކޮޅު ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނެތި އިންތިޚާބު ބާއްވާނަމަ ކޯޓަށް ދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.

އެކޯލިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޗީޕް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމްގެ 1،200 އަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ހައްގު ގެއްލިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅިފައިވާ ކަމަށެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކޮވިޑްގެ ޙާލަތުގައި އިންތިޚާބުތައް ބާއްވައިފި. އެ ގައުމުތަކުގެ ސިއްހީ ދާއިރާތަކުގެ މިންގަނޑުތަކާ އެއްގޮތަށް. ރާއްޖޭގައި މިފެންނަނީ ރައީސް ޞޯލިހާއި ވަޒީރުންނާއި ކުންފުނި ތަކުން އެއްވެސް ގައިދުރުކަމެއް މިންގަނޑުތަކަށް ބެލުމެއްނެތި، ރަށްރަށަށް އަރާ ކެމްޕެއިން ކުރަމުންދާތަން. އަޅުގަނޑުމެންގެ ކެންޑިޑޭޓުންގެ ކެމްޕެއިންތަކަށް ރަށްރަށަށް ދެވޭކަށްނެތް. އަޅުގަނޑުމެންނަށް އެޗްޕީއޭއިން ވެސް އަދި އެއްވެސް ތަނަކުން ހުއްދައެއް ނުލިބޭ. މިފެންނަނީ އެންމެ ޚުދުމުޚުތާރު ވެރިކަމެއް ރާއްޖޭގައި ކުރާތަން،" ހީނާ ވިދާޅުވި އެވެ.

މީގެ އިތުރުން މިރޭ ފުވައްމުލަކުގައި ބާއްވާ ޖަލްސާއަށް އިދިކޮޅު ލީޑަރުން ދިއުމަށްޓަކައި ހުއްދައަށް އެދިގެން ވެސް އެހުއްދަ ހަމަޖައްސައިދީފައި ނުވާ ކަމަށް ހީނާ ވިދާޅުވި އެވެ. އަދި ކަމާބެހޭ ފަރާތްތަކުން އެބޭފުޅުންގެ ފޯނަށް ޖަވާބު ވެސް ނުދެއްވާ ކަމަށް ހީނާ ވިދާޅުވި އެވެ.

"ކެމްޕެއިން ކުރުމުގެ ޙައްޤަކީ ހުރިހާ ކެންޑިޑޭޓުންނަށް ލިބިދޭންޖެހޭ ޙައްޤެއް. އެޙައްޤު ނިގުޅައިގަނެފައި މިވަނީ. އަޅުގަނޑުމެން މިތިބެނީ އޮފީސްތެރޭ ބަންދުކޮށްފައި. ކަމަކާ އަޑު އުފުލަން މަގުމައްޗަށް ނުކުތަސް ހިފާ ހައްޔަރުކުރަނީ. އެތައް އުދަނގޫތަކެއް އެބަހުރި،" އިދިކޮޅަށް ކުރިމަތިވާ ދަތިތަކާ ބެހޭގޮތުން ހީނާ ވިދާޅުވި އެވެ.

ސަރުކާރުން ކޮށްފައިވާ މިފަދަ ދަތުރު ތަކުގެ ތަފްސީލްތައް ވެސް އޭނާ ހާމަކުރެއްވި އެވެ.

ކޯލިޝަންގެ ޔޫތް މެމްބަރު މުޙައްމަދު ޖަލާލް އާއި ޕީޕީއެމްގެ ކެންޑިޑޭޓް އަޙްމަދު އައިފާން ވެސް ވަނީ ކެންޑިޑޭޓުންނަށް ހަމަ ހަމަ ފުރުސަތު ދިނުމަށް ގޮވާލާފަ އެވެ. އަދި ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތައް ނިގުޅައިގަތުމަކީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.