މަސްވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި މަސްވެރިކަމާބެހޭ ވަޒީރު ޑރ.ޙުސައިން ރަޝީދު ހަސަން ވަނީ ފެއިލްވެއްޖެ ކަމަށް މަޑަވެލީ ދާއިރާގެ މެންބަރު ޙުސައިން ފިރުޝާން ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ މެމްބަރު ފިރުޝާން މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހާ ގުޅިގެން މަސްވެރިންނަށް ތަހުނިޔާ ފޮނުއްވައި ޑރ.ޙުސައިން ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.
ފިރުޝާން ވިދާޅުވީ މަސްވެރިންގެ ދުވަހެއް ފާހަގަކުރި ނަމަވެސް މަސްވެރިންގެ ދުވަހުގެ ހިތްހަމަޖެހުމެއް އުފަލެއް ނުލިބޭ ކަމަށެވެ.
"މަސްވެރިން ކުރާ މަސައްކަތަށް ލުޔެއް ފަސޭހައެއް ހޯދުމާއި މަސްވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި މަނިކުފާނު ވަނީ ފެއިލްވެފައި. އޭގެ އެއް މިސާލަކީ ހޯޑެއްދޫގައި މަނިކުފާނު ޕާޓީގެ ލީޑަރ ހަދަމުންގެންދާ މަސްފެކްޓަރީ. 17 އަހަރު. ދެކުނުގެ މަސްވެރިންނަށް ލުޔެއް ފަސޭހައެއް ހޯއްދަވައި ދެއްވުމަށް މަސައްކަތްކުރާނަމަ އެ މައްސަލަ ހައްލު ކުރައްވާނެ." ފިރުޝާން ވިދާޅުވި އެވެ.
ފިރުޝާން ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމުގައި ވެސް ވަޒީރު ވަނީ ފަހަތަށް ޖެހިވަޑައިގެންފައި ކަމަށެވެ. އަދި އެ މައްސަލަ މަތީ ''އިށީންނަވައިގެން ތި އިންނަވަނީ'' އަމިއްލަ މަސްލަހަތު އިސްކުރެއްވުމުގައި ކަމަށެވެ.
މިސަރުކާރުން މަސްވެރިންނަށް ވެފައިވާ މުހިއްމު ވައުދުތައް ނުފުއްދޭތީ މަސްވެރިންވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ، އެގޮތުން މަސްވެރިންނަށް ދޭން ބުނި ހަމަ އަގު ނުލިބޭ ކަމަށާއި މަސްވެރިން ބާނާ މަސްނުކިރޭ މައްސަލައަށް ވެސް ހައްލެއްނާދެ އެވެ. މީގެ އިތުރުން މަސްވެރިންގެ ޕްލެޓްފޯމާއި ކަންނެލި ޖަގަހަ ތަކާއި ގޭދޮށު މަސްފެކްޓްރީތައްވެސް އަދިވެސް ކުރިއަށް ނުދާތީ އެކަމާވެސް މަސްވެރިން ޝަކުވާ ކުރެ އެވެ.
ޑރ. ހުސެއިން އަކީ މަސްވެރިކަމުގެ ވުޒާރާއަށް މި ސަރުކާރުން އައްޔަން ކުރެއްބި ދެވަނަ ވަޒީރެވެ. އެއީ ޖުމްހޫރީ ޕާޓީގެ ސްލޮޓްގަ އެވެ. އޭގެ ކުރިން ވަޒީރަކަށް ހުންނެވީ އެމްއާރްއެމްގެ ޒަހާ ވަހީދެވެ.