ރިޔާދް (11 ޑިސެމްބަރު) - ރަސްމީ ދަތުރުފުޅެއްގައި މިހާރު ސައޫދީ އަރަބިއާއަށް ވަޑައިގެން އުޅުއްވާ ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދަތުރުފުޅާއެކު ޗައިނާއާއި އަރަބި ގައުމުތަކާމެދު އޮތް ގުޅުންތައް ވަރުގަދަވެ އާ އުއްމީދެއް ލިބިފައިވާ ކަމަށް ސައޫދީ އަަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.

ވަލީ އަހުދު މިހެން ވިދާޅުވެފައިވަނީ ދެގައުމުގެ ދެމެދުގައި ބޭއްވި ސަމިޓު ނިންމަވާ ލެއްވުމަށްފަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޝީގެ ދަތުރުފުޅުގައި ޗައިނާއާއި ސައޫދީ އަރަބިއާއާ ދެމެދު އެކި ރޮނގުރޮނގުން އެއްބާރުލުން ދިނުމާ މެދު މަޝްވަރާ ކުރެވި އެއްބަސްވުންތަކަށް އާދެވިފައިވެ އެވެ. މީގެ ތެރޭގައި ޚާރިޖީ ސިޔާސަތުތަކާއި އެހެނިހެން ސިޔާސަތުތައް ވެސް ހިމެނެ އެވެ.

މި ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިން ޕިން ވިދާޅުވީ ޗައިނާއާއި އަރަބި ގައުމުތަކުގެ ގުޅުންތަކަށް ތާރީހީ ކުރިއެރުމެއް ލިބިފައިވާ ކަމަށާއި އަރަބި ހުރިހާ ގައުމުތަކާއެކު ވެސް ވަކިވަކި އެއްބަސްވުންތަކަށް އާދެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން ޝީގެ ދަތުރުފުޅުގައި ބޭއްވި ސަމިޓަކީ ކާމިޔާބު ސަމިޓެއްކަން ފާހަގަ ކުރައްވަމުން އޭނާ ވަނީ ކުރިއަށް އޮތް ތަނުގައި ވެސް ދެގައުމުގެ މެދުގައި އޮތް ގުޅުންތައް ވަރުގަދަ ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ސައޫދީ އަރަބިއާގެ ވަލީ އަހުދު ދެއްވި ދައުވަތަކަށް މިމަހުގެ ހަތްވަނަ ދުވަހު އެގައުމަށް ވަޑައިގަތް ޝީ ޖިން ޕިންގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެގެ ވަގުތެއްގައި ވަނީ ފުރާވަޑައިގެންފަ އެވެ. -- އަލް އަރަބިއްޔާ