ބޮމެއް ގޮއްވާލާނެ ކަމަށް ލިބުނު އިންޒާރަކާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން އައްޑޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަން ހައްޔަރުކުރި މީހަކާ ދެކޮޅަށް އެކަށީގެންވާ ހެކި ނެތުމުން ހައި ކޯޓުން މިއަދު އޭނާ މިނިވަންކޮށްފި އެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން މާލެ އާއި އައްޑޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 14 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އެ މައްސަލާގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި މީހުންގެ ތެރެއިން ހައި ކޯޓުން މިއަދު މިނިވަންކުރީ ދަށު ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކުރި ސ. މަރަދޫ ފޭދޫ، އާޒާ، މުޙައްމަދު ގައިސް އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކުރި މައްސަލަ ހައިކޯޓުގައި ގައިސްގެ ފަރާތުން އިސްތިއުނާފު ކުރުމުން މިއަދު ހައިކޯޓުން ވަނީ އެ މައްސަލައިގައި ހުކުމް ކޮށްފަ އެވެ.

ހައި ކޯޓުގައި މައްސަލެ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ފައިސަލް، އަދި ފަނޑިޔާރު ދީބަނާޒް ފަހްމީ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުޔން ނެރެފައިވާ ހުކުމުގައި ބުނެފައިވަނީ ދަށު ކޯޓުގެ އަމުރު ބާތިލް ކުރުމަށެވެ. އަދި އެހުކުމްގައި ބުނެފައިވަނީ އެކަށީގެންވާ ހެކި ގަރީނާ ނެތުމުން އޭނާ މިނިވަން ކުރުމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ތުހުމަތުކުރެވޭ މީހާ އާއި ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓެއް ހުށަހެޅުން ފިޔަވައި އިތުރު ހެއްކެއް ފުލުހުން ހުށަހަޅާފައި ނުވާ ކަމަށާއި، ބާރު ދޭ އެއްވެސް ގަރީނާއެއް ވެސް އެ އިންޓެލިޖެންސް ރިޕޯޓާއެކު ހިމެނިފައި ނުވާ ކަމަށެވެ. އެހެންކަމުން ހަމައެކަނި އެ ރިޕޯޓުގެ މައްޗަށް ބިނާކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ބޭނުންވާ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި ނުދެކޭ ކަމަށް ހައިކޯޓުގެ ހުކުމުގައިވެ އެވެ.