ތުއްތު ކުދިން ގިނައިރު ޓީވީ ބަލާނަމަ ބޮޑުވަމުން އަންނައިރު އެކަމުގެ ނޭދެވޭ އަސަރު އެކި ގޮތްގޮތުން އެ ކުދިންނަށް ކުރާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އުމުރުން ދެ އަހަރާއި ތިން އަހަރު އަދި ފަސްއަހަރުގެ 2،400 ކުދީންގެ މެދުގައި ކުރި މި ދިރަސާއިން ދައްކާގޮތުން ގިނައިރު ޓީވީ ފަދަ އަލިގަދަ ޑިވައިސްތަކަށް ބަލާ ތުއްތު ކުދިން އެކުދިންނަށް އުމުރުން ފަސްއަހަރުވުމުން ނޭދެވޭ އެތައް އަސަރުތަކެއް ކުރެ އެވެ.

ކެނެޑާގެ ޔުނިވާސިޓީއަކުން ކުރި މި ދިރާސާއިން ދައްކާ ގޮތުން ކުއްޖާގެ އުމުރުން ފަސް އަހަރު ވާއިރު އެކުއްޖާ އަމިއްލައަށް އިސްނަގައިގެން ކަންކަން ކުރަން ނޭނގުމާއި އަމިއްލައަށް ނިންމުން ނިންމަން ނޭނގުން ފަދަ ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހެ އެވެ.

މި ދިރާސާއިން ދެއްކި ގޮތުން ދުވާލަކު އެވަރެޖްކޮށް ތިން ގަޑިއިރަށް ވުރެ ގިނަ އިރު، ގިނަ ކުދިން ސްކްރީން ކުރިމަތީގައި ވަގުތު ހޭދަކުރެ އެވެ. އަދި އުމުރުން ފަސް އަހަރު ވުމަށްފަހު ވެސް އެކުދީން ދުވާލަކު މަދުވެގެން އެއް ގަޑިއިރު ސްކްރީން ކުރިމަތީގައި ހޭދަކުރާ ކަމަށް ބުނެފައިވެ އެވެ.

ތުއްތު ދަރިފުޅު އުފަން ވީއްސުރެ ފަސް އަހަރުވުމާ ދެމެދަކީ އެކުދީންގެ ހެދިބޮޑުވުމުގެ އެންމެ މުހިންމު މަރުހަލާއަށްވާއިރު، މި މަރުހަލާގައި ޓީވީފަދަ ވަސީލަތްތައް ބޭނުން ކުރަން ދަސްކޮށް ދިނުމަކީ ކުރަން ޖެހޭ ކަމެކެވެ.