ސިނަމާލެ ބުރިޖު ކައިރިން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތައިލެންޑްގައި ވިޔަފާރިކުރާ ދިވެހި ވިޔަފާރިވެރިޔާ އިސްމާއިލް މޫސާ 54، (ޖަމްބޯ އިއްސޭ) ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ ޓްރެފިކް ލައިޓް ކައިރީގައި ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ. އަދި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ މިއަދު މެންދުރު 2:30 ކަމަށް ފުލުހުން ބުނެ އެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުލެއާ ބުރިޖު ގުޅައިދޭ ބުރިޖުގެ އުތުރު ކޮޅުގަ އެވެ.

ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓުގައި މަރުވީ ސައިކަލު ދުއްވަން އިން މީހާ އެވެ.

ފުލުހުން އިތުރަށް ބުނީ، އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށެވެ. އަދި އޭނާއަށް ފަރުވާދިނުމަށް ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި، އެހެން ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ ފަހުން އޭނާ ނިޔާވިކަން އެ ހޮސްޕިޓަލުން ހާމަކުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުވައްމުލަކަށް އުފަން އިއްސޭ އަކީ 1990 ގެ އަހަރުތަކުގައި މަޖީދީމަގުގައި ޖަމްބޯގެ ނަމުގައި ފުޅާ ދާއިރާއެއްގައި ފައިވާނުގެ ވިޔަފާރިކުރި މީހެކެވެ. އަދި 2000 ވަނަ އަހަރު ރާއްޖެ ދޫކޮށް ތައިލެންޑްގައި ދިރިއުޅުން ބަދަލުކުރުމަށްފަހު ފައިވާން އުފައްދާ އަމިއްލަ ފެކްޓްރީއެއް ހިންގައި ވިޔަފާރި ފުޅާކުރި އެވެ. މިގޮތުން ދިވެހިން ބެންކޮކުން ގަންނަ މުދާ ފޮނުވައި ދިނުމުގެ ހިދުމަތް ދިނުމަށް "ޖަމްބޯ ފޯވާޑިން"ގެ ނަމުގައި ވެސް ހިދުމަތް ދެމުން ގެންދެ އެވެ.

ބެންކޮކްގައި 22 އަހަރު ދިރިއުޅުމަށްފަހު މިދިޔަ މަހުގެ ކުރީކޮޅު ރާއްޖެ އައީ އާއިލާގެ މީހުންނާއި ބައެއް ރައްޓެހިންނާ ބައްދަލު ނުވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ބައްދަލުކުރުމަށެވެ. އަދި ރާއްޖެ އައިސް ފުވައްމުލަކަށް ވެސް މިދިޔަ މަހު ދިޔަ އެވެ.

އިއްސޭގެ ގާތް އެކުވެރިއަކު ބުނީ އިއްސޭ ވަނީ ދެތިން ދުވަސް ފަހުން އެނބުރި ބެންކޮކަށް ފުރާ ގޮތަށް ހަމަޖައްސައިފަ އެވެ.