ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުގެ ކެމްޕޭން މެނޭޖަރަކަށް ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ހަމަޖައްސަން ނިންމައިފި އެވެ.

ރައީސް ޞާލިހް ގެންދަވަމުން ދަނީ ވެރިކަމުގެ ދެވަނަ ދައުރަަށް ކުރިމަތިލެއްވުމަށްޓަކައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރަސްމީ ގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުންނެވެ.

އެގޮތުން އެމަނިކުފާނު ވަނީ އިންތިހާބަށް ކެމްޕޭން ކުރުަމަށްޓަކައި ކެމްޕޭނު އޮފީހަކާއި ކެމްޕޭން މެނޭޖަރެއް ހަމަޖައްސަވައިފަ އެވެ. ރައީސް ޞޯލިހް ކެމްޕޭން އޮފީސް ގާއިމްކޮށްފައިވަނީ ސޯލްޓް ކެފޭގަ އެވެ.

ބައެއް މީޑިއާތަކުން މައުލޫމާތުދޭގޮތުގައި ކެމްޕޭންގެ މެނޭޖަރަކަށް ހަމަޖައްސަވަން ނިންމާފައިވަނީ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ނާޝިޒެވެ.

ނާޝިޒް އަކީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ފިރިކަލުންނެވެ.

ރައީސް ޞޯލިހްގެ އިތުރުން ރައްޔިތުން މަޖިލީހުގެ ރައީސް ނަޝީދު ވެސް ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އެމަނިކުފާނުގެ އަރިސް މީހުން މައުލޫމާތުދެ އެވެ. ނަމަވެސް ޕްރައިމަރީގައި ވާދަކުރައްވާނެކަމެއް ރައީސް ނަޝީދު މިހާތަނަށް ރަސްމީކޮށް ހާމަކުރައްވައިފައެއް ނުވެ އެވެ.