ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރު އިންޑިއަން ރިއަލިޓީ ޝޯ ކަމަށްވާ ބިގް ބޮސްގެ ސީޒަން 16 ގެނެސްދޭ މުއްދަތު އިތުރުކުރުމަށް ނިންމައިފި އެވެ.

ކަލާޒް ޗެނަލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 16 ވަނަ ސީޒަންގެ ބައިވެރިން ބިގް ބޮސްގެ ގޭގައި ހޭދަކުރާ ކޮންމެ ދުވަހަކީ ވެސް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ދުވަހެކެވެ. ކުރީގެ ސީޒަންތަކާ ހިލާފަށް މިފަހަރުގެ ސީޒަންގައި "ބިގްބޮސް" ވެސް އަންނަނީ ގޭމް ކުޅެމުންނެވެ.

އެހެން ކަމުން ބައިވެރިން ކުޅެމުން އަންނަ ގޭމުތައް އެހެން ބައިވެރިންނަށް މިފަހަރު ސީޒަންގައި "ބިގްބޮސް" އަންނަނީ ހާމަކުރަމުންނެވެ.

މިފަހަރުގެ ސީޒަންވެސް ހުށައަޅައިދެނީ ބޮލިވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާނެވެ. މިފަހަރުގެ ސީޒަނަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނާތީ ކަލާޒް ޓީވީއިން ވަނީ މިސީޒަން ގެނެސްދޭ މުއްދަތު އިތުރުކުރުމަށް ނިންމާފަ އެވެ.

ކުރިން ނިންމާފައިވާ ގޮތުގައި "ބިގްބޮސް 16" ނިންމާލަން އޮތީ ޖެނުއަރީގައި އެވެ. އެހެން ނަމަވެސް ޝޯ އުފައްދާ ފަރާތުން މިހާރު މިސީޒަން ނިންމާލާނެ ތާރީހެއް ކަމަށް ބުނެފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށެވެ.

މިފަހަރުގެ ސީޒަންގައި އެންމެ މަގުބޫލު އެއް ބައިވެރިޔާ ކަމަށްވާ އަބްދުއް ރޮޒިކް ވަނީ ޝޯއިން ވަކިވެފަ އެވެ. ސިއްހީ ސަބަބުތަކާ ހުރެ ޝޯއިން ވަކިވި ނަމަވެސް ވަރަށް އަވަހަށް އަބްދުއް ރޮޒިކް އެނބުރި އަންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަދި މި ހަފްތާ ބަންދުގައި ގެނެސްދޭ "ބިގްބޮސް" ގެ ވީކެޑް ވާކް އެޕިސޯޑްގައި ވަނީ ބޮލީވުޑްގެ މަޝްހޫރު ބައެއް ތަރިން ވަނީ ފެނިގެން ގޮސްފަ އެވެ. އެގިތުން ވިކީ ކޯއުޝަލާއި ކިއާރާ އަދުވާނީ، ރަންވީރު ސިންގް އަދި ރޯހިތު ޝެޓީ ފެނިގެން ގޮސްފަ އެވެ.