ތަމަޅަ ފިލްމުތަކުން ބޮޑު މަޝްހޫރުކަމެއް ހޯދައިފައިވާ އެކްޓަރު އައްލޫ އަރްޖުންގެ ފިލްމު "ޕުޝްޕާ" އަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނުނު އެއް ފިލްމެވެ.

ފިލްމްގެ މަސައްކަތްތައް ފެށުނީއްސުރެ ފިލްމުގެ ކޮންމެ ހަބަރަކަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ރިލީޒްވުމާ އެކު ފިލްމް ވަނީ ސުޕަހިޓަކަށްވެފަ އެވެ.

ހަމައެހެންމެ ފިލްމުގެ ކޮންމެ ލަވައެއްވެސް ވެގެން ގޮސްފައި ވަނީ އާންމުންގެ ހިތުގައި ހާއްސަ ޖާގައެއް ހޯދި ލަވަތަކަކަށެވެ.

މި ފިލްމްގެ ހާއްސަކަމުގެ ތެރޭގައި ފިލްމު އިންޑިއާގެ ފަސް ބަހަކުން ރިލީޒްކޮށްފައިވުން ހިމެނެ އެވެ. އެއީ ހިންދީ, ތެލުގޫ، ތަމިލް، މަލަޔާޅަމް، ކަންނަޑާ މި ފަސް ބަހެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހު ޕުޝްޕާ ރިލީޒްކޮށްފައިވާއިރު، މިއަހަރުގެ 17 ވަނަ ދުވަހަށް ފިލްމަށް ވަނީ އެއް އަހަރު ފުރިފަ އެވެ. އަދި އާންމުން ވަނީ އެކަން ފާހަގަކޮށް، އެފަދަ ފިލްމުތަކުގެ ސަބަބުން ސައުތު އިންޑިއާގެ ފިލްމުތަކަށް މީގެ ކުރިން ގެއްލުނު ލޯތްބާއި ސަޕޯޓު އަނބުރާ ލިބެމުންދާކަން ސޯޝަލްމީޑިއާގައި ހާމަކޮށްފައިވެ އެވެ.