ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން 15 ރަށަކަށް އިސްމެޖިސްޓްރޭޓުން ހޯދަން އިއުލާނުކޮށްފި އެވެ.

ޖޭއެސްސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މެޖިސްޓްރޭޓްކަމުގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ 30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މެޖިސްޓްރޭޓުން ހޯދަން އިއުލާންކުރި ކޯޓުތަކަކީ ހދ. ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓް، ށ. ކޮމަންޑޫ މެޖިސްޓްރޭޓް ކޯޓް، ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓް، ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓް، ބ. ގޮއިދޫ މެޖިސްޓްރޭޓް ކޯޓް، ޅ.ހިންނަވަރު މެޖިސްޓްރޭޓް ކޯޓް، ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓް، އއ. މާޅޮސް މެޖިސްޓްރޭޓް ކޯޓް، ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓް، މ. މުލައް މެޖިސްޓްރޭޓް، ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓް، ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓް، ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓް، ގދ. ރަތަފަންދޫ މެޖިސްޓްރޭޓް ކޯޓް އަދި ގދ. ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓެވެ.

އިސް މެޖިސްޓްރޭޓެއްގެ މުސާރައަކީ 21،000 ރުފިޔާ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ލިވިން އެލެވެންސް، ފޯނު އެލެވެންސް އަދި މެޑިކަލް އިންޝުއާރެންސް ލިބޭނެ އެވެ.

މި މަގާމަށް ކުރިމަތިލެވޭނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.