ރާއްޖޭގެ ހަ އަތޮޅަކުން ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދީގެން ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތްތަކެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.
މިނިސްޓްރީން ރިސޯޓު ތަރައްގީކުރުމަށް އިއުލާނުކޮށްފައިވަނީ ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ނ. އަތޮޅު، ލ. އަތޮޅު އަދި އައްޑޫ އަތޮޅުންނެވެ. މި މަޝްރޫއުގެ ދަށުން އުތުރުގެ ބައެއް އަތޮޅުތަކުގެ ފަޅުތައް ހިއްކައިގެން ރިސޯޓު ހެދުމަށް ހުޅުވާލާފައިވާއިރު، އަނެއްބައި އަތޮޅުތަކުން ކުއްޔަށް ދިނުމަށް ނިންމާފައިވަނީ ފަޅުރަށްތަކެކެވެ.
އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ.، ހދ. އަދި ށ. އަތޮޅުގެ ފަޅުތަކުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކޮންމެ ސަރަހައްދެއްގެ ބޮޑުމިނަކީ 200 ހެކްޓަރެވެ. އެގޮތުން ހއ. މާދުނި ފަރުގެ ތިން ސަރަހައްދަކާއި، ހދ. މަކުނުދޫ ފަރު 2، އަދި ހދ. މާފަރު ފަރުގެ ތިން ސަރަހައްދެއްގެ އިތުރުން ށ. ގޮނާ ފަރުގެ ތިން ސަރަހައްދެއް ހިމެނެ އެވެ. މި ފަޅުތަކުގައި މަދުވެގެން 150 އެނދުގެ ރިސޯޓުތައް ތަރައްގީކުރަން ޖެހޭއިރު، ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 18 ވަނަ ދުވަހެވެ.
ފަޅުރަށްތަކުގެ ތެރެއިން ށ. ނަލަންދޫގައި މަދުވެގެން 200 އެނދުގެ ރިސޯޓެއް ތަރައްގީކުރުމަށް ހުޅުވާލާފައިވާއިރު، އެ ރަށަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 23 ވަނަ ދުވަހެވެ. މީގެ އިތުރުން ނ. ފަރުމުލީގައި މަދުވެގެން 150 އެނދުގެ ރިސޯޓެއް ހެދުމަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 17 ވަނަ ދުވަހެވެ. ފަރުމުލި މަޝްރޫއުގެ ދަށުން 15 ހެކްޓަރަށް ވުރެ ބޮޑު ނޫން ސަރަހައްދެއް ހިއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި އިއުލާނުގައި ހދ. އަތޮޅާއި ލ. އަތޮޅު އަދި އައްޑު އަތޮޅުން ހަލާލު ޓޫރިޒަމް މޮޑެލްއަށް ރިސޯޓު ތަރައްގީކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ހދ. މަކުނުދޫ ފަޅުން 200 ހެކްޓަރުގެ ސަރަހައްދެއްގައި މަދުވެގެން 150 އެނދުގެ ރިސޯޓެއް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ލ. ފޮނަގާދޫގެ އިތުރުން އައްޑޫ ދޮންހެރައާއި އެ ރަށާ ޖެހިގެން އޮންނަ ކުޑަ ފަޅުރަށުގައި މަދުވެގެން 100 އެނދުގެ ރިސޯޓު ތަރައްގީކުރަންޖެހެއެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ހުރިހާ ތަނެއްވެސް ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ. މި މަޝްރޫއުތަކުގެ ސަބަބުން އެ އަތޮޅުތަކުގެ އިގްތިސާދީ ހަރަކާތްތައް އިތުރުވެ، ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާގެ އާ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ބެލެވެ އެވެ.
ސަރުކާރު ކުންފުނިތަކަށް ބިން ދޫކުރެވޭގޮތަށް ގަވާއިދު ބަދަލުކޮށްފި
އެކްޓް ކުރުން މަތިން ހަނދާން ނުވާ ކަމަށް ޕްރިތީ ބުނެފި
ޔާމީންގެ ވެރިކަމުގައި މުޅި ދައުލަތް ހިންގެވީ މުއިއްޒު: ޝުޖާއު
