ހއ. ހޯރަފުށީގައި އިންޓަނޭޝަނަލް ސުކޫލެއް ހިންގާނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާންކޮށްފި އެވެ.

އެރަށު ކައުންސިލުން ބުނީ، ސްކޫލް ތަރައްގީކުރަން ހަމަޖެހިފައިވަނީ ކައުންސިލްގެ ސްކޫލް އިމާރާތުގައި ކަމަށެވެ. އަދި އެފަދަ އިންޓަރނޭޝަނަލް ސުކޫލެއް ތަރައްގީކުރުމުގެ ފަހަތުގައިވާ މަގްސަދަކީ ޕްރީ ސުކޫލް މަރުހަލާއިން ފެށިގެން ކީ ސްޓޭޖް ފަހަކާއި ދެމެދު ފެންވަރު ރަނގަޅު ޒަމާނީ ތައުލީމު ހޯރަފުށީގައި ހުރެގެން ލިބުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދިނުން ކަމުގައި އެ ކައުންސިލުން ބުނެފައިވެ އެވެ.

ހޯރަފުށި ކައުންސިލުން ބުނިގޮތުގައި އެ ޕްރޮޖެކްޓުގެ ދަށުން ސްކޫލް ހިންގުމަށްޓަކައި ވަށާ ފާރު ރާނާ، ގޭޓް ހަރުކޮށްފައިވާ 11،406 އަކަފޫޓޫގެ ބިމެއްގައި ހުރި އިމާރާތެއް ހަވާލުކުރުމަށް ހަމަޖެހިފައިވެ އެވެ.

އެތަނުގައި ޕްލޭ ގްރައުންޑެއްގެ އިތުރުން ގުދަނަކާއި ޕަބްލިކް ފާހާނާ އަދި ދަރިވަރުންނަށް ހާއްސަ ފާހާނާއެއް ބެހެއްޓުމަށްވެސް ހަމަޖެހިފައިވާކަމަށް އެކައުންސިލުން މައުލޫމާތުދެ އެވެ.

އޭގެއިތުރުން ދަރިވަރުން ކިޔެވުމަށް ބޭނުން ކުރާނެ ގޮނޑި މޭޒް ފޯރުކޮށްދޭނީ އެ ކައުންސިލުން ކަމަށް ބުނެފައިވެ އެވެ.

އެކައުންސިލުން އިތުރަށް ބުނިގޮތުގައި މި ސްކޫލް ހިންގަން ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ކަމަށެވެ. އަދި ސްކޫލް ހަވާލު ކުރާ ފަރާތުން އަންނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ އެކު ސްކޫލްގައި ކިޔަވައިދޭން ފަށަން ޖެހޭނެކަމަށް އެ ކައުންސިލުން ބުނެފައިވެ އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތުން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ބީލަން ހުށަހެޅުމަށް ވަނީ ހުޅުވާލާފަ އެވެ. އަދި ބީލަން ހުޅުވުން އޮތީ އަންނަ މަހުގެ 10 ވަނަ ދުވަހު އެރަށު ކައުންސިލްގެ ޖަލްސާކުރާ މާލަމުގަ އެވެ.