ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން މިއަދު ނުކުންނަނީ އެމަނިކުފާނު މިނިވަންކުރަން ދޭތިން އެކައްޗަށް ކަމަށާއި ރަށް ރަށުގައި ތިބި ސަޕޯޓަރުން މާލެއަށް ޖަމާވުމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގޮވާލައިފި އެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީނާ ދެކޮޅަށް ހުކުމް އިއްވުމާ ގުޅިގެން ކޯޓު ކައިރީގައި ހުންނަވާ އަބްދުއްރަހީމް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުން މިހާ ހިސާބުން ނިމުނީ އެއް ނޫން ކަމަށާއި އިންސާފު ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ގެންނަވާނީ ރައީސް ޔާމީން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިފަހަރު މި ނުކުންނަނީ ދޭތިން އެކައްޗަށް. ރަށް ރަށުގައި ތިބި ސަޕޯޓަރުން މާލެ އައުމަށް ގޮވާލަން. ރައީސް ޔާމީން ސަލާމަތް ކުރަން ޖެހޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވަމުން ދިޔަ ވަގުތު އަދުރޭ ކްރިމިނަލް ކޯޓު ކައިރީގައި މަޑުކޮށްލައިގެން. ފޮޓޯ: ޕީޕީއެމް

ހުކުމާ ގުޅިގެން ސަޕޯޓަރުންނަށް އޭނާ ވިދާޅުވީ ރައީސް ޔާމީން ހުންނެވީ "ގަދަކޮށް" ކަމަށާއި މިއީ ނުހައްގު ހުކުމެއް ކަމަށެވެ.

"މި ހުކުމް ކުރަނީ ރައީސް ޔާމީނަށް ނޫން. މިއީ ދިވެހި ރައްޔިތުންނާ ދެކޮޅަށް ކުރާ ހުކުމެއް. މި ސަރުކާރާއި އިންޑިއާ ގުޅިގެން ކުރާ ހުކުމެއް މިއީ،" އަބްދުއްރަހީމް ވިދާޅުވި އެވެ. "ނުހައްގު ހުކުމެއް އެކުރީ. އަޅުގަނޑުމެން ރައީސް ޔާމީނާއެކު ވެރިކަމަށް އަންނާނަން."

ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ގައުމީ ދިދަ ހިފައިގެން މިއަދު ހެނދުނު ކްރިމިނަލް ކޯޓު ކައިރީގައި މަޑުކޮށްލައިގެން. ފޮޓޯ: ޕީޕީއެމް

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ހުރަގަހަށް ލައިގެން އެހެެން އެއްވެސް ލީޑަރަކަށް ވެރިކަމަށް ނާދެވޭނެ ކަމަށެވެ.