އިންޑަސްޓްރިއަލް މައި ހަބުގެ ގޮތުގައި ތިލަފުށި ތަރައްގީކުރަން ކުރިއަށްގެންދާ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންްޓް ކޯޕަރޭޝަން (އެޗްޑީސީ) ން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ތިލަފުށި ހިންގާ ބެލެހެއްޓުމުގެ މަސައްކަތް 2020 ވަނަ އަހަރު ވަނީ އެޗްޑީސީގެ ދަށަށް ބަދަލުކޮށްފަ އެވެ.

އެޗްޑީސީގެ ދަށަށް ތިލަފުށި ބަދަލުކުރުމާއެކު، އެ ކުންފުނިން ވަނީ ތިލަފުށި ޒަމާނީ އިގްތިސާދީ ހަބެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމައި ތިލަފުށީގެ މާސްޓަ ޕްލޭން އެކުލަވާލާފަ އެވެ. އަދި މާސްޓަ ޕްލޭން އެކުލަވާލާފައި ވަނީ، މުޅި ތިލަފަޅު ހިއްކާ، މިހާރު ބޭނުންކުރަމުން އަންނަ ތިލަފުށީގެ ބިން ހިމެނޭހެން ތަރައްގީ ކުރުމަށެވެ.

ތިލަފުށި މާސްޓަ ޕްލޭންގެ އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ހިމެނެނީ، ތިލަފަޅު ހިއްކުމުގެ މަސައްކަތެވެ. މާސްޓަ ޕްލޭންގެ ދަށުން ތިލަފަޅުން 150 ހެކްޓަރު ހިއްކުމަށް ވަނީ ނިންމާފަ އެވެ.

އެޗްޑީސީގެ މެނޭޖަ އިންޑަސްޓްރިއަލް މުހައްމަދު ޝާމިން ޕީއެސްއެމްއަށް ވިދާޅުވެފައި ވަނީ ތިލަފުށި ފަޅު ހިއްކަން ޗައިނާ ހާބާ ކުންފުންޏާ މިމަހުގެ 15 ވަނަ ދުވަހު ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ހިއްކުމުގެ މަސައްކަތް އަންނަ ޖެނުއަރީ މަސައްކަތް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާމިން ވިދާޅުވީ ތިލަފަޅު ހިއްކަނީ ތިން ބަޔަކަށް ކަަމަށެވެ. އެގޮތުން ފުރަތަަމަ ބައިގައި 40 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާމިން ވިދާޅުވީ ފުރަތަމަ ބައިގެ ބިން ކުރިއަށް އޮތް 12 މަސް ތެރޭގައި ހިއްކާ އެ ބިންތައް ދޫކުރުމަށް ޕްލޭންކޮށްފައިވާ ކަމަށެވެ.

ތިލަފުށި މާސްޓާރ ޕްލޭން އިފްތިތާހްކޮށް އަލަށް ހިއްކާ ސަރަޙައްދުން ދޫކުރާ ބިންތަކަށް ވިޔަފާރިވެރިން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ވެސް އެޗްޑީީސީން މިހާރު ވަނީ ހުޅުވާލާފަ އެވެ.

"ބިން ހިއްކާ ނިމުމުން ވިޔަފާރިއާއި އިގްތިސޯދީ އެކި ކެޓަގަރީތަކަށް ބިން ޒޯން ކުރާނީ. ދެން ވިޔަފާރިތަށް ފަށާ، ދެން ހުރި ޒޯންތައް ވެސް މިގޮތަށް ގެންދާނީ. މުޅި މާސްޓަ ޕްލޭން ފުރިހަމަ ކުރުމަށް 3-4 އަހަރު ޕްލޭނެއް އޮތީ،" ޝާމިން ވިދާޅުވި އެވެ.

ތިލަފުށިން އަލަށް ހިއްކާ 150 ހެކްޓަރުގެ 60 ޕަސެންޓް ބޭނުންކުރާނީ ވިޔަފާރިތަކަށް ބިން ދޫކުރުމަށެވެ. އަދި ބާކީ ބަޔަކީ މަގުތަކާއި އާއްމު އެކިއެކި ޚިދުމަތްތަކާއި ގުޅޭ އިންފްރާސްޓްރަކްޗާ އަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ތިލަފުއްޓަކީ ރާއްޖޭގެ އެކި ސިނާޢަތްތަކުގެ ވިޔަފާރިތަކުން، ގުދަން ކުރުމާއި އިންޑަސްޓްރިއަލް މަސައްކަތްތަކުގައި ބޭނުންކުރާ ރަށެކެވެ. މިވަގުތު ވެސް ތިލަފުށީގައި 200 އަށް ވުރެ ގިނަ ވިޔަފާރިވެރިން އެކިއެކި މަސައްކަތްތައް ކުރަމުން ގެންދެ އެވެ.