މާލޭގެ ގެއެއްގެ ތެރޭގައި މިދިޔަ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހުގެ ރޭ ޏ. ފުވައްމުލައް، ކުރި، ޝިއާއު މުޙައްމަދު ސަޢީދު އަނިޔާވެރި ގޮތަކަށް މަރާލި ކަމުގެ ތުހުމަތު ކުރެވޭ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްގެ މައްޗަށް ފަސް ދައުވާއެއް އުފުލައިފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ, ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އިތުރު ހަތަރު ދައުވާއެއް ޝާހިލްގެ މައްޗަށް އުފުލާފައިވާ ކަމަށެވެ.

ހ. ޝީރީންވިލާ ގޭގައި ޝިއާއު މަރާލައި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައި އޮއްވައި ފެނުނު މައްސަލައިގައި ޝާހިލް ހައްޔަރުކުރީ ކުށުގެ ވެށިންނެވެ.

އެ މައްސަލަައިގެ ޝަރީއަތް ނިމެންދެން އޭނާ ވަނީ ބަންދުކޮށްފަ އެވެ. ފުލުހުން ބުނީ ޝާހިލްގެ ފޯނު ހުޅުވިފައިވާ ކަމަށާއި އޭގެން ލިބޭ ހެކިތަކުގެ އަލީގައި ޝިއާއު މަރާލި ސަބަބު ދެނެގަނެވޭ ވަރަށް ހެކި ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ، އެ އަނިޔާތަކުގެ ސަބަބުންކަން ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.