މާލެ ސަރަހައްދުގެ މަގުތަކުގައި ކުނި ގިނަވެ، އުނދަގުލަކަށްވެ، ރައްޔިތުން ޝަކުވާ ކުރަން ފެށުމާ އެކު، މާލެ ސާފުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ވެމްކޯއިން ފަށައިފި އެވެ.

މާލޭގެ މަގުތަކާއި އާންމު ތަންތަނުން ކުނި ނަގަން ވެމްކޯއާ އެކު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން މާލޭ ސިޓީ ކައުންސިލުން ވަނީ އެ އެއްބަސްވުމުގެ މުއްދަތު އާ ނުކުރަން ނިންމާފަ އެވެެ. އެހެންވެ ދެން މާލޭ މަގުތަކުން ކުނި ނުނަގާނެ ކަމަށް ވެކްކޯއިން އިއުލާން ކުރި އެވެ.

އޭގެފަހުން މާލޭގެ މަގުތަކުގައި ކުނި ގިނަވާ ކަމަށް ބުނެ އީޕީއޭ އިން ވަނީ ކަންބޮޑުވުންފާޅުކޮށް ބަޔާނެއް ނެރެފަ އެވެ.

އެކަމާ އީޕީއޭ އިން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ވެސް ނެރެފަ އެވެ. އިއްޔެ މާލޭ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ވަނީ މާލެއިން 10 ޓަނުގެ ކުނި އެ ކައުންސިލުން ނަގާފައިވާ ކަމަށެވެ.

ވެމްކޯ އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެންވާރަމެންޓް މިނިސްޓްރީގެ ލަފާގެ މަތިން މާލޭގެ މަގުތަކުން ކުނި ނެގުމުގެ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.

އެކަން ކުރަން ނިންމީ ރައްޔިތުންގެ އާންމު ސިއްހަތު މުހިންމުވާތީ ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.

މާލޭގެ މަގުތަކުގައި ހުރި ކުނިތައް ސިޓީ ކައުންސިލުން ނުނަގާ ކަމަށް ވެމްކޯއިން ބުނާއިރު، ސިޓީ ކައުންސިލުން ބުނަނީ އެކަން ނުކުރަނީ ވެމްކޯ އިން ކަމަށެވެ.

މާލޭގެ މަގުތަކުން ކުނި ކަހަން މުވައްޒަފުން ހޯދަން ވެސް ސިޓީ ކައުންސިލުން ވަނީ އިއުލާންކޮޮށްފަ އެވެ.