ނިމިގެންދިޔަ 2022 ވަނަ އަހަރަކީ ދިމާވި އެކި ގޮންޖެހުންތަކާއެކު ވެސް ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވުނު އަހަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މީލާދީ އާއަހަރުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި ކުރެއްވި ޓުވީޓެއްގަ އެވެ.
މީލާދީ އާ އަހަރުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ނަންފުޅުގައި ދިވެހި ރައްޔިތުންނަށް ފޮނުވައި ކުރެއްވި ޓުވީޓުގައި ވަނީ މިފެށުނު އައު އަހަރަކީ ހުރިހާ ގޮތަކުންވެސް ކާމިޔާބު އަހަރެއް ކަމުގައިވުމަށް އެދިވަޑައިގެންފައެވެ. އަދި މިއަހަރު އިތުރު ފުރުސަތުތަކެއް ތަނަވަސްވެ، ފަހި ގޮތްތަކެއް މެދުވެރިވާނެކަމުގެ އުންމީދު އޮތްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ މިފެށުނު އަހަރަކީ ހުރިހާ ރައްޔިތުންނަށް ހެޔޮ ސިއްޚަތާއި ކުރިއެރުން ލިބިގެންދާނެ އަހަރަކަށް ވުމަށް އެދިވަޑައިގެންފަ އެވެ.
ނިމިގެންދިޔަ އަހަރަކީ ކޯވިޑް-19 އާއި އަދި ރަޝިއާއި ޔޫކްރައިން ހަނގުރާމައާއެކު ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތަކުން އަރައި ގަތުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރެއްވި އަހަރެކެވެ.
މިދިޔަ ހަފްތާގައި ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ގޮންޖެހުންތަކާއެކު ވެސް ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމަށްޓަކާ ހިތްހަމަޖެހިވަޑައިގަންނަވާ ވަރަށް މަސައްކަތްތަކެއް ކޮށްދެވިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުންނާއި ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށާއި، ރާއްޖޭގެ އިގްތިސާދަށް ވެސް ކުރިމަތިވި ގޮންޖެހުންތަކާއެކު ވެސް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ގާއިމުކޮށްދިނުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވި، ކާމިޔާބީތަކެއް ހާސިލްކުރެވިއްޖެ ކަމަށެވެ. އަދި މި ގޮންޖެހުންތަކާއެކު ވެސް ކުރެވުނު މަސައްކަތްތަކާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީއަށާއި، އަސާސީ ޚިދުމަތްތައް ގާއިމުކޮށްދިނުމަށް ސަރުކާރުން ފާއިތުވި 4 އަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި މިފެށޭ އަހަރަކީ ސަރުކާރުން ފަށާފައިވާ ގިނަ މަޝްރޫޢުތަކެއް ނިމި ރައްޔިތުންނަށް އޭގެ މަންފާ ކުރާނެ އަހަރެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.