މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ)އަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކޮމިޝަނުން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

އޮޑިޓަ ޖެނެރަލް މިހެން ވިދާޅުވެފައިވަނީ އެ އޮފީހުން ނެރުނު 2019 ވަނަ އަހަރުގެ އެ ކޮމިޝަންގެ އޮޑިޓް ރިޕޯޓުގަ އެވެ.

މި ރިޕޯޓުގައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ 5.21 ގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތަށް އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ލައިސަންސް ފީތަކާއި ލައިސަންސް ފީ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާ ފައިސާގެ ގޮތުގައި ކޮމިޝަނަށް ލިބެންޖެހޭ ހަތަރު މިލިއަން ދެއްލަކަ ނުވަދިހަ ހަތަރު ހާސް ނުވަސަތޭކަ ވިހި ރުފިޔާ ހޯދުމަށް ކޮމިޝަނުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

އޮޑިޓަރ ޖެނެރަލް ވަނީ މިކަންކަން އިސްލާހު ކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލަފާދެއްވާފަ އެވެ. އެގޮތުން މާލިއްޔަތު ގަވައިދުގައި ބުނެފައިވާ ގޮތުގެ މަތިން އެ ފައިސާ ހޯދުމަށް ފިޔަވަޅު އެޅުމަށް އަންގާފައިވެ އެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ހޯދުމަށް މަސައްކަތްކޮށް ނުލިބިއްޖެނަމަ ފައިސާ ހޯދުމުގެ މަސައްކަތް ޝަރީޢަތަށް ހުށައަޅައިގެން ކުރިއަށް ގެންދިއުމަށް ވެސް އަންގާފައިވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި ހިމެނެނީ ބްރޯޑްކާސްޓިން ލައިސަންސް ފީއާއި ރީ ބްރޯޑްކާސްޓިން ލައިސަންސް ފީ އެވެ.

މިދިޔަ އަހަރުގެ ބަޖެޓުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފުންގެ މުސާރައާއި އުޖޫރައިގެ ގޮތުގައި 4،251،148 ރުފިޔާ ޚަރަދު ކޮށްފައިވެއެވެ. ލިވިން އެލަވަންސްއާއި ފެމިލީ އެލަވަންސްގެ ގޮތުގައި 1،851،302 ރުފިޔާ ޚަރަދު ކޮށްފައިވެ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އެހެނިހެން މާލީ ކަންކަން މައިގަނޑު ގޮތެއްގައި ހިންގާ ބަލަހައްޓާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި މާލިއްޔަތުގެ ގަވައިދާއި އެއްގޮތަށް ކަމަށް ވެސް މި ރިޕޯޓްގައި ބުނެފައިވެ އެވެ.