ކޮރަޕްޝަނުގެ ކުށުގައި ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ގޮވާލައި ރޭ އިދިކޮޅު ޕީޕީއެމުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ދޫކޮށްލައިފި އެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށް ސާބިތުވުމުން 11 އަހަރުގެ ހުކުމެއްގައި ޖަލަށް ލާފައިވާ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މާލޭގައި ކޮންމެ ރެޔަކު ދަނީ މުޒާހަރާ ކުރަމުންނެވެ. ރޭގެ މުޒާހަރާގެ ތެރެއިން މުއިއްޒު ހިމެނޭހެން ހަތަރު ފިރިހެނުން ހައްޔަރު ކުރިި އެވެ. މިއީ އިިދިކޮޅު މުޒާހަރާއެއްގެ ތެރެއިން މުއިއްޒު ހައްޔަރު ކުރި ފުރަތަމަ ފަހަރެވެ.

ފުލުހުން ބުނީ ރޭ ހައްޔަރުކުރި އެންމެން ވެސް ދޫކޮށްލާފައިވާ ކަމަށެވެ.

ޔާމީން ޖަލަށްލާގައިވަނީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެމަނިކުފާނަށް އަރުވާފައި ވަނިކޮށެވެ.

ވ. އާރަށުގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ތަރައްގީ ކުރުމުގެ މުއާމާލާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލި މަނީލޯންޑަރިން އާއި ރިޝްވަތުގެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑިލަރުން ވެސް ވަނީ ޖޫރިމަނާ ކޮށްފަ އެވެ.

އިދިކޮޅު މުޒާހަރާގެ ތެރެއިން ހައްޔަރުކުރާ މީހުންގެ ތެރޭން މިހާތަނަށް ދެ މީހަކު ފިޔަވައި އެހެން އެންމެން ވެސް ބަންދުގެ މުއްދަތަށް ކޯޓަށް ނުގެންގޮސް، ދޫކޮށްލައިފަ އެވެ. ބަންދުގައި ތިބީ މުޒާހަރާ ތެރެއިން ފުލުހަކަށް ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ ދެ މީހެކެވެ.