ރިޔާޒް (ޖެނުއަރީ 5) - ދުނިޔޭގައި ފުޓުބޯޅަ ކުޅުންތެރިއަކަށް ދޭ އެންމެ ބޮޑު މުސާރަ އަށް ކްރިސްޓިއާނޯ ރޮނާލްޑޯ ގެންދިޔަ ސައުދީ އަރަބިއާގެ ނަން، އޭނާގެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ނުބައިކޮށް ކިޔައިފި އެވެ.

ސައުދީގެ އަލް ނަސްރު ކްލަބަށް ރޮނާލްޑޯ ގެންދިޔައީ އަހަރަކު ގާތްގަނޑަކަށް 200 މިލިއަން ޑޮލަރަށެވެ.

"އަޅުގަނޑުގެ ކެރިއަރުގެ ނިމުމެއް ނޫން ސައުތު އެފްރިކާ އަށް އައުމަކީ،" ސައުދީގައި ދިން ފުރަތަމަ ނޫސް ކޮންފަރެންސްގައި އިނގިރޭސި ބަހުން ވަރަށް އަވަހަށް ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ.

ނޫސް ކޮންފަރެންސްގެ ބެކްޑްރޮޕްގައި ވަނީ "ސައުދީ ވެލްކަމް ޓު އަރަބިއާ" އެވެ.

ސައުދީ އަރަބިއާގެ ބަދަލުގައި ސައުތު އެފްރިކާއޭ ރޮނާލްޑޯ އަށް ބުނެވުނު ނަމަވެސް އެކަން ރަނގަޅު ކުރުމަށް ނޫސް ކޮންފަރެންސްގައި ތިބި ސައުދީގެ އޮފިޝަލުން ވެސް މަސައްކަތެއް ނުކުރެ އެވެ. އަދި ރޮނާލްޑޯގެ ސައުދީ ފޭނުން ވެސް އެކަމާ ކަންބޮޑުގެން ނޫޅެ އެވެ. އަލް ނަސްރުގެ ސްޓޭޑިއަމްގައި ރޮނާލްޑޯ ތައާރަފް ކުރަން ބޭއްވި ރަސްމިއްޔާތުގައި ސައުދީގެ އެތައް ހާސް ބަޔަކު ދަނޑަށް ގޮސް ރޮނާލްޑޯ އަށް ތަރުހީބު ދިނެވެ.

https://www.youtube.com/watch?v=l2I0Het1C6Q

ޓްވީޓެއްގައި މީހަކު ބުނި ގޮތުގައި އަހަރަކު 200 މިލިއަން ދޭ ގައުމުގެ ނަން އެނގެން ނުޖެހޭ ކަމަށެވެ. ކޮންމެ ގޮތެއް ވިޔަސް "ސައުތު އެފްރިކާ" އަށް މަރުހަބަ ކަމަށް އެ މީހާ ބުނެފައިވެ އެވެ.

އޮޅިގެން ނަމަވެސް ރޮނާލްޑޯ އަށް ބުނެވުނު އެއްޗަކުން ސައުތު އެފްރިކާ އަށް ވަނީ އިތުރު މަޝްހޫރު ކަމެއް ލިބިފަ އެވެ. ސައުތު އެފްރިކާގެ ނިއުސް ވެބްސައިޓެއްގެ ފުޓުބޯޅަ އެޑިރަކު ބުނެފައި ވަނީ ސައުތު އެފްރިކާ އާއި ސައުދީ އަރަބިއާގެ ނަމުގެ ކޮންމެ ޕާޓެއް ވެސް ފެށޭ އަކުރު އެއްގޮތް ކަމަށާއި (އެސް.އޭ) އެހެން ނަމަވެސް ރޮނާލްޑޯގެ ފުރަތަމަ ޕްރެސްގައި ގައުމުގެ ނަން ރަނގަޅަށް ބުނަން ޖެހޭނެ ކަމަށެވެ.

ސައުދީގެ ނަން ގޯސްކޮށް ރޮނާލްޑޯ އަށް ބުނެވުނު ނަމަވެސް އަރަބި އަދި އަލް ނަސްރުގެ ސަޕޯޓަރުން ވެސް މާ ކަންބޮޑުވެގެން ނޫނެވެ. އަރަބި ބަހުން ޓްވީޓްކުރި މީހަކު ބުނެފައި ވަނީ އެކަމުގައި ގޯހެއް ނެތް ކަމަށާއި ކޮންމެ މީހަކަށް ވެސް ކުށެއް ކިޔިދާނެ ކަމަށެވެ.އަލް ނަސްރުން ވެސް ބުނެފައި ވަނީ ރޮނާލްޑޯ އެ ކްލަބަށް ދިއުމުން "އެންމެން ވެސް މިއަދު ތިބީ އުފަލުން" ކަމަށެވެ.