ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލައި، އެކަން ނުކޮށްފި ނަމަ ޓެރަރިސްޓް ހަމަލައެއް ދޭނެ ކަމުގެ އިންޒާރު އައްޑޫގައި މިއަދު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ދާދި ފަހުން ހިންގި ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަންގައި މާލެ އާއި ކ. ގުރައިދޫ އަދި އައްޑޫން ވަނީ ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ އިން ދެ މީހަކާއި ގުރައިދޫން ދެ މީހަކާއި އައްޑޫން ނުވަ މީހެކެވެ. އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 11 އިން ފެށިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި އެ އެންމެން ދޫކޮށްލަން ގޮވާލައި، އިންޒާރުތަކެއް ލިޔެފައިވާ ކަރުދާސްތަކެއް އައްޑޫގެ ބައެއް ތަންތަނުގައި ބަޔަކު މީހުން ތައްކޮށްފައި ހުއްޓާ މިއަދު ވަނީ ފެނިފަ އެވެ.

އެ ގަނޑުތަކުގައި ވަނީ ލޭ އޮހޮރުވުމަކަށް ނުގޮސް އަމާން ދިނުމަށާއި އައްޑޫ ސިއްސުވާލަނީ ކަމަށް ލިޔެފަ އެވެ. އަދި "އަހުންތައް" ދޫކޮށްލުމަށާއި އެއީ "އެންމެ ފަހުގެ އިންޒާރު" ކަމަށް ބުނެ ލިޔެފައި ހުއްޓެވެ.

އެ ކަމާ ގުޅިގެން މީޑިއާ އިން ސުވާލު ކުރުމުން ފުލުހުން ބުނީ ފުލުހުންގެ ސަމާލުކަމަށް އެ މައްސަލަ އައުމުން ބަލަމުން އަންނަ ކަމަށެވެ.

"މައްސަލަ ދަނީ ތަހުގީގު ކުރަމުން،" އިތުރު ތަފުސީލެއް ނުދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނެފައި ވަނީ މާލެ އާއި ގުރައިދޫ އަދި އައްޑޫން ހައްޔަރުކުރި މީހުން އުޅުނީ ހައްދުފަހަނައެޅި ހަރުކަށި ޖަމާއަތް ކަމަށްވާ އައިސިސްއާ ގުޅިގެން ތަންތަން ގޮއްވަން ކަމަށެވެ.

އެ 14 މީހުންގެ ތެރެއިން ނުވަ މީހަކު މީގެ ކުރިން ވެސް ޓެރަރިޒަމްގެ ކުށުގައި ހައްޔަރުކުރި ކަމަށް ފުލުހުން ކުރިން ބުނެފައި ވެ އެވެ. އެ މީހުން ކުރިން ހައްޔަރުކުރީ، ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވުން ނުވަތަ އެކަމުގައި ބައިވެރިވުން ނުވަތަ އެފަދަ ކަމަކަށް ތާއީދުކުރުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.

އެކަމަކު އޭގެ ތެރެއިން ކޮންމެ މީހެއްގެ މައްޗަށް ކޮންމެ މައްސަލައެއްގައި ޝަރީއަތަށް ސާބިތު ކުރެވޭ ވަރަށް ހެއްކި ނުލިބޭތީ ދޫވެފައި ތިބީ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވާ، މި ފަހަރު އެ މީހުން ކުރަން އުޅުނު ކަންތައް ކާމިޔާބުވި ނަމަ ގިނަ ބަޔަކު މަރުވީހެވެ.