އިއްޔެއަކީ ކަރީނާ ކަޕޫރާއި ފިރިމީހާ ސައިފް އަލީ ހާންގެ ދަރިފުޅު ތައިމޫރު އަލީ ހާންގެ ހަތަރު ވަނަ އުފަން ދުވަހެވެ.

މި ދުވަހާއި ގުޅުވައިގެން ކަރީނާ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ފޮތެއް ނެރެން އުޅޭކަން އިއުލާނުކޮށްފަ އެވެ.

މިހާރު ދެވަނަ ދަރިފުޅަށް ބަލިވެ އިން ކަރީނާ ނެރޭ މި ފޮތުގެ ނަމަކީ "ކަރީނާ ކަޕޫރު ހާންސް ޕްރެގްނެންސީ ބައިބަލް" އެވެ. މި ފޮތް މައިގަނޑު ގޮތެއްގައި ބިނާވެގެން ވަނީ އޭނާ އަށް މާބަނޑުއިރު ކުރެވުނު އިހުސާސުތަކުގެ މައްޗަށެވެ.

"މިއަދަކީ މި ފޮތް ނެރުމަށް އެންމެ ހާއްސަ ދުވަސް. މި ފޮތުގައި މޯނިން ސިކްނެސް އިން ފެށިގެން ގޮސް ޑައިޓާއި ފިޓްނެސް އާއި މި ހުރިހާކަމަކާއެކު މަންމައެއްގެ ދައުރު އަދާކުރުން ފަދަ މައުލޫއުތައް ހިމެނޭނެ،" ފޮތުގެ ބޭރުގަނޑުގެ ފޮޓޯއަކާއި އެކު ހިއްސާކުރި ޕޯސްޓެއްގައި ވެ އެވެ.

މި ފޮތް ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.