ވާޖީނިއާ (ޖެނުއަރީ 11) - އެމެރިކާގެ ވާޖީނިއާ ސްޓޭޓުގެ ނިއުޕޯޓް ނިއުސް ސިޓީގެ ސްކޫލެެއްގެ ކްލާސްރޫމުގައި ހަ އަހަރުގެ ކުޑަ ކުއްޖެއްގެ ބަޑީގެ ޝިކާރައަކަށްވި ޒުވާން ޓީޗަރަކީ ބަތަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފި އެވެ.

ގާތްގަނޑަކަށް 180،000 މީހުންގެ އާބާދީއެއް އޮންނަ ރިޗްނެކް އެލެމެންޓަރީ ސްކޫލުގެ ގްރޭޑް 1 ގެ ކްލާސްރޫމުގައި ހަ އަހަރުގެ ކުޑަ ކުއްޖާ އުމުރުން 25 އަހަރުގެ ޓީޗަރު އަބީ ޒުވެނާ އަށް ހަމަލާދީފައި ވަނީ ގަސްދުގައި ކަމަށް ފުލުހުން ބުންޏެވެ. އެ ކުއްޖާ ޖެހި ވަޒަން ވަނީ ޓީޗަރުގެ އަތަށާއި މެއަށް އަރައިފަ އެވެ. ޓީޗަރު އަދިވެސް އޮތީ ހޮސްޕިޓަލުގަ އެވެ. އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޮފިޝަލުން ބުނެ އެވެ.

ވަޒަން އެރުމާ އެކު ޓީޗަރު އެ ހާލުގައި އޮވެ ވަނީ ހުރިހާ ކުދިން ކްލާހުން ނުކުމެގެން އަވަށް ދިއުމަށް އިރުޝާދުދީފަ އެވެ.

"ވަޒަން އެރުމާ އެކު ޒުވެނާ ވަނީ ހުރިހާ ކުދިން ވަގުތުން ކްލާހުން ނުކުތުމަށް އެދި ގޮވާފައި،" ބަޑީގެ ހަމަލާ ދިން ކްލާހުގައި ކިޔަވަމުންދާ ހަ އަހަރުގެ ކުއްޖެއްގެ ބެލެނިވެރިއެއް ކަމަށްވާ ސެބަސްޓިން ހެނާންޑޭޒް ފޮކްސް3 ނައު ނިއުސް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ހެނާންޑޭޒް ބުނީ ބަޑިޖެހި މަންޒަރު އޭނާގެ ދަރިފުޅަށް ނުފެންނަ ކަމަށެވެ. ނަމަވެސް ޓީޗަރު ކްލާސްރޫމަށް ވެއްޓިފައި އޮތް މަންޒަރު ފެނުނު ކަމަށް ބުންޏެވެ.

ހަ އަހަރުގެ ކުއްޖާ ބަޑިން ހަމަލާ ދިނުމުން ޒަޚަމްވި ޓީޗަރު. --ފޮޓޯ:ގާޑިއަން

"އެއީ ކުދިންނަށް ވަރަށް ބޮޑަށް އަޅާލާ ޓީޗަރެއް. އަހަރެންގެ ދަރިފުޅު ވެސް އެ ޓީޗަރު ދެކެ ވަރަށް ލޯބިވޭ. ޓީޗަރަށް ދިމާވި ގޮތާމެދު ވަރަށް ބޮޑަށް ހިތާމަކުރަން. އަދި އުއްމީދުކުރަނީ ވަރަށް އަވަހަށް ޓީޗަރަށް އެނބުރި އާދެވޭނެ ކަމަށް،" ހެނާންޑޭޒް ބުންޏެވެ.

ފޭސްބުކުގައި ވެސް ހެނާންޑޭޒް ބުނެފައިވާ ގޮތުގައި އެއީ އެންމެ ރަނގަޅު ޓީޗަރެވެ.

ނިއުޕޯޓް ނިއުސް ސިޓީގެ ފުލުހުންގެ ވެރިޔާ ސްޓީވް ޑްރޫ ވިދޅުވީ ޒުވެނާ އަކީ ހިތްވަރުގަދަ "ސިފައިންގެ" މީހެއް ކަމަށާއި އެއީ ބަތަލެއް ކަމަށެވެ. ހޮސްޕިޓަލުގައި އޮވެގެން ވެސް ކްލާހުގެ ކުދިންގެ ހާލު ޓީޗަރު އޮޅުން ފިލުވި ކަމަށް ޑްރޫ ވިދާޅުވި އެވެ.

ޑްރޫ ވިދާޅުވީ ވަޒަން އެރުމާ އެކު ހުރިހާ ކުދިން ކްލާހުން ނުކުތްކަން ޔަގީންވުމާ އެކު ސްކޫލުގެ އިދާރީ އޮފީހަށް ޒުވެނާ ދިއުމަށް ފަހު އިތުރު އެހީ އަށް އެދުނު ކަމަށެވެ.

ސްކޫލަށް ދަރިވަރަކު ބަލައި ގޮސް ހުރި ބެލެނިވެރިއަކު ބުނީ ސްކޫލުގެ ފްރަންޓް އޮފީހުގެ ދޮރުމަތީގައި ޒުވެނާ އޮތްތަން އޭނާ އަށް ފެނުނު ކަމަށެވެ.

"ދެން ޒުވެނާ ބުނި 911 އަށް ގުޅުމަށް. އޭނާ ގަޔަށް ވަޒަން އަރާފައިވާ ކަމަށް ވެސް ބުނި. އޭގެ ފަހުން އޭނާ އަނބުރައިގަނެގެން ވެއްޓުނު،" ބެލެނިވެރިޔާ ބުންޏެވެ.

އެހެން ބެލެނިވެރިއެއް ކަމަށްވާ ސްޓީވް ގޮންޒާލޭޒް ބުނީ ޒުވެނާ މަސައްކަތްކޮށްފައި ވަނީ އޭނާގެ ފުރާނަ އަށް ވެސް ބެލުމެއް ނެތި ކަމަށެވެ.

"ވަޒަން އެރުމާ އެކު އޭނާ އިސްކަން ދިނީ ކުދިންގެ ސަލާމަތަށް،" ފޮކްސް ނިއުސް އަށް އެ މީހާ ބުންޏެވެ.

އެ ކްލާހުގައި ހުރި ހަ އަހަރުގެ އެހެން ކުއްޖަކު ޑެއިލީ ޕްރެސް އަށް ބުނީ ބަޑިޖެހި މަންޒަރު އޭނާ އަށް ފެނުނު ކަމަށާއި އޭނާގެ ކްލާސްމޭޓް ޓީޗަރު ގަޔަށް ބަޑިޖެހީ ގަސްދުގައި ކަމަށެވެ. އަދި ހަމަލާ އަމާޒުވުމާ އެކު ޓީޗަރު ވެއްޓުނު ކަމަށް އެ ކުއްޖާ ބުންޏެވެ.

ބަޑީގެ ހަމަލާ އަށް ފަހު އެ ކްލާހުގެ ކުދިން ގެންދިޔައީ ސްކޫލުގެ ޖިމަށެވެ.

ހަ އަހަރުގެ ކުއްޖާގެ ބަޑީގެ ހަމަލާ އަމާޒުވި ޓީޗަރު. --ފޮޓޯ:ނިއުޔޯކް ޓައިމްސް

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކްލާސްތެރޭގައި ހަ އަހަރުގެ ކުއްޖާ ވަނީ ބަޑި ނަގައި، ދައްކައިފަ އެވެ. އަދި ޓީޗަރު ވަނީ އެ ބަޑި އަތުލަން މަސައްކަތް ވެސް ކޮށްފަ އެވެ. އެ ކުއްޖާ ރުޅި އައީ އެހެންވެ ކަމަށްވެ އެވެ. ބަޑިޖެހިއިރު އާޓް ކްލާސް ފެށެން ތައްޔާރުވަނީ އެވެ.

"ޒުވެނާ އަކީ އަހަރެންގެ ދަރިފުޅު އެންމެ ގަޔާވާ ޓީޗަރު،" އެހެން ބެލެނިވެރިއެއް ކަމަށްވާ ބްރިޓަނީ ގްރެގަރީ ބުންޏެވެ.

ބަޑިޖެހި ހަ އަހަރުގެ ކުއްޖާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެ ކުއްޖާ ބަންދުގައި ބެހެއްޓޭނެ މުއްދަތު އިތުރު ކުރެވޭތޯ ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ވާޖީނިއާގެ ގާނޫނުތައް އޮންނަ ގޮތުން ހަ އަހަރުގެ ކުއްޖަކަށް ބޮޑުމީހަކާ އެއްގޮތަށް އަމަލެއް ނުކުރެވެ އެވެ. އަދި ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގެ ދަށުގައި ބަހައްޓާވުރެ އެ ކުއްޖާ ޅަކަމަށް ބުނެފައިވެ އެވެ. ނަމަވެސް ކޯޓެއްގެ ފަނޑިޔާރު ބޭނުން ނަމަ އެ ކުއްޖާ ބެލެހެއްޓުން ބެލެނިވެރިންގެ ކިބައިން ނެގުމަށް ފަހު ސްޓޭޓުގެ ސުޕަވިޒަނުގެ ދަށަށް ގެނެވޭނެ އެވެ. ކުއްޖާގެ ބެލެނިވެރިންގެ މައްޗަށް ދައުވާ ކުރަން ވެސް ފުލުހުން ދަނީ ތައްޔާރުވަމުންނެވެ.

ގާތްގަނޑަކަށް 550 ދަރިވަރުން ކިޔަވާ ސްކޫލްގައި ވަނީ މެޓަލް ޑިޓެކްޓަރު ވެސް ހަރުކޮށްފަ އެވެ. ނަމަވެސް ކުދިން ޗެކްކުރަނީ ރެންޑަމްކޮށް ކަމަށްވެ އެވެ. އަދި ކޮންމެ ކުއްޖަކު ވަކިން އިންސްޕެކްޓް ނުކުރާ ކަމަށް ވެސް ވެ އެވެ.

ނިއުޕޯޓް ނިއުސް ސިޓީ އޮންނަނީ ސްޓޭޓުގެ ވެރިރަށް ރިޗްމޮންޑުގެ ދެކުނުން 70 މޭލު ދުރުގަ އެވެ.