މާލޭގެ އެއްވެސް ރައްޔިތަކު ބޯހިޔާވަހިކަމުން މަހުރޫމް ނުކޮށް ފްލެޓާއި ގޯތި ދޫކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކެމްޕޭން ހަރަކާތެއްގެ ގޮތުގައި މިރޭ ރައީސް ވަނީ މާލޭގައި ދިރިއުޅޭ އެމްޑީޕީގެ މެންބަރުންނާ ދަރުބާރުގޭގައި ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި އެއްވެސް ސަރުކާރަކުން ކުރިއަށްނުގެންދާވަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް މި ސަރުކާރުން ކުރިއަށްގެންގޮސްފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި މުޅި ރާއްޖޭގައި 16،000 އަށްވުރެ ގިނަ ފްލެޓާއި ގޯއްޗާއި ރޯ ހައުސްގެ މަޝްރޫއުތައް މިހާރު ކުރިއަށް އެބަދެ އެވެ. އަދި މާލެއަށް ހާއްސަކޮށްގެން 7،000 ފްލެޓާއި 5،000 ގޯތި ދިނުމުގެ މަޝްރޫއެއް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވި އެވެ.

މާލޭގައި ދިރިއުޅޭ އެމްޑީޕީގެ ސަޕޯޓަރުންނާ ރައީސް ބައްދަލުކުރައްވަނީ ---

މިކަންކަމަކީ ވޯޓު ހޯދުމަށް ކުރާ ކަންކަމެއް ނޫން ކަމަށާއި މިއީ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށްވީ ވައުދު ފުއްދުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ވޯޓަކާއި މިކަމަކާ ނެތް ގުޅުމެއް. މި އަހަރުގެ މެދަށް އަންނަ އިރު އެވީ ވައުދާ އެއްގޮތަށް މާލޭގެ ރައްޔިތުންނަށް ގޯތި ކަނޑާފައި ދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅި ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ހާމަކަންބޮޑު ގޮތެއްގައި ކުރަމުން އަންނަ ކަމަށެވެ. އަދި ޝަރުތުހަމަވާ އެއްވެސް މީހަކު ބާކީނުކޮށް ބޯހިޔާވަހިކަން މި ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.