ރާއްޖޭގެ ބައެއް މީޑިއާތަކުން ހަގީގަތާ ހިލާފު، ދޮގު ވާހަކަތައް ފަތުރަމުންދާކަމަށް ބުނެ، ފެނަކައިން މީޑިއާތައް ދެކެ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފި އެވެ.

އަތޮޅުތެރޭގެ ރަށްރަށަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފާއިތުވެދިޔަ މާޒީގައި ފެނަކަ ކޯޕަރޭޝަނުން ރައްޔިތުންނަށް ހަރުދަނާ ގޮތެއްގައި ޚިދުމަތް ފޯރުކޮށް ނުދެވި، ކުންފުނީގެ ނަން ތަޣައްޔަރުވެ، ކިލަނބުވެފައި ވަނިކޮށް، 2018 ވަނަ އަހަރުގެ ޑިސެމްބަރ 18 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކުންފުނީގެ ހިނގުމަށް ގެނެވުނު އިންގިލާބީ ބަދަލާ ގުޅިގެން ބަޔަކު ހަސަދަވެރިވެ ބައެއް އޮންލައިން ނޫސްތަކުގައި ހަގީގަތާ ޚިލާފު ވާހަކަތަކެއް ދައްކަމުން ގެންދާ ކަމަށެވެ.

ފެނަކަ އިން ބުނީ ކުންފުނިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެއްވުމަށް ކުރެވޭ މަސައްކަތްތަކަށް ފާޑު ކިޔުއްވުމަށް މަރުހަބާކިޔާ ކަމަށެވެ. ނަމަވެސް ކުންފުންޏާ ގުޅޭގޮތުން ހަގީގަތާ ޚިލާފު، ސާބިތު ނުހިފޭ ދޮގުވާހަކަތައް ފެތުރުމަށް ފެނަކަ އިން ފުރުސަތު ނުދޭނެ ކަމުގެ އިންޒާރު ވެސް އެކުންފުނިން ވަނީ ދީފަ އެވެ

ފެނަކައިން ބުނީ ކުންފުންޏާއި ކުންފުނީގެ ވެރިންނާ މެދު ވިޔަސް، އެކިފަރާތްތަކުން ޝާއިއު ކުރަމުންދާ ހަގީގަތާ ޚިލާފު ވާހަކައަކުން، އިހުލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ދެމުންދާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެންމެ ހިނދުކޮޅަކަށް ވެސް ފަސްޖެހުމަކާ ނުލާ ޚިދުމަތުގެ މައިދާނުގައި ފެނަކަ އިން މަސައްކަތް ކުރާނެ ކަމުގައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް އަރުވާ ކަމަށް ވެސް ބުންޏެވެ.

ފެނަކައިން މިހެން ބުނި ނަމަވެސް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢީދުގެ ކޮރަޕްޝަންގެ އެތައް މައްސަލައެއްގެ ބޮޑު ލިސްޓެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވެ އެވެ.

އޭސީސީ އަށް ހުށަހެޅި ގިނަ މައްސަލަތަކުގައި ތުހުމަތުކޮށްފައި ވަނީ ކުންފުނީގެ ޕްރޮކިއުމެންޓް އުސޫލާ ޚިލާފަށް ވަކި ކުންފުނިތަކެއް ހޮވައި، ނާޖާއިޒު މަންފާތަކެއް ލިބޭނެ ގޮތް މަސައްކަތްތައް ނުވަތަ ތަކެތި ގަތުމަށް ހަވާލު ކުރުމެވެ. ފެނަކައާ ދެކޮޅަށް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާ އިރު އެ ކުންފުންޏަކީ ކުރީގެ ސަރުކާރުގައި ކޮރަޕްޝަންގެ "ހާއްޔެއް"ގެ ގޮތަށް ސިފަކުރި ތަނެކެވެ