އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ޑިމޮކްރެކްސީއާ ބީރައްޓެހި ސަރުކާރެއް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އެމަނިކުފާނު ނިކުމެ ހުންނެވީ އެމްޑީޕީގެ އުސޫލުތަކާ މާބޮޑަށް އެމްޑީޕީ ދުރަށް ދާތީ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އަނެއްކާ ވެސް އަނެއް ދިވެހި ރާއްޖެ އަށް ގެންދަން ބޭނުންވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ޑިމޮކްރަސީ އާ ބީރައްޓެހި ވެރިކަމެއް ކުރަން އެ މަގަށް ދާން ދޫކޮށްލެވެން ނޯންނާނެ ކަމަށެވެ. އަދި މިމަހު 28 ވަނަ ދުވަހު އޮންނަ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބުު ކުރައްވާނެ އެއްވެސް ގޮތެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވަމުން ގެންދަވާތީ އެކަމަށް ވެސް ނަޝީދު ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ އެމަނިކުފާނު މިހާރު ހުންނެވީ ޓްރެކް ތެރޭގައި ކަމަށާއި ރައީސް ސޯލިހަށް ދެން އެމަނިކުފާނު ބަލި ނުކުރެއްވޭނެ ކަމަށެވެ. އަދި ރައީސް ސޯލިހަށް އަސްލު އެމްޑީޕީ މިހާރު ފެނިވަޑައިގަންނަވާނެ ކަމުގައި ވެސް ވިދާޅުވި އެވެ.

"ކުއްލިއަކަށް އަސްލު އެމްޑީޕީ ނިކުމެއްޖެ. އެންމެން އެކުގައި އެކި ކަންކޮޅުތަކުން ހިނި ހޮރުތަކުން ހިނި ނިކުންނަހެން ފަތިފައްޗަށް އެންމެން ނިކުމެއްޖެ. އަސްލު އެމްޑީޕީ ޖަމާވެއްޖެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބުކުރާނެ. އަޅުގަނޑުމެން މިދަނީ މިއިންތިހާބު ކާމިޔާބުކުރުމަށް،" ނަޝީދު ވިދާޅުވި އެވެ.