ކިޔޭވް (ޖެނުއަރީ 13) - ޔޫކްރޭން ސިފައިންގެ މީހެއްގެ މެއިގަނޑު ތެރޭން ނުގޮވައި އޮތް އަތުބޮމެއް ނަގައިފި އެވެ.

އަތުބޮން ހަރުލާފައި ވަނީ ސިފައިންގެ މީހާގެ ހިތާ ކައިރީގަ އެވެ. އަތުބޮން އިންތަން ދައްކުވައިދޭ އެކްސްރޭއެއް ވަނީ ޔުކްރޭން ސިފައިންގެ ފޭސްބުކް ޕޭޖުގައި އާއްމުކޮށްފަ އެވެ. އަަސްކަރީ އިންޖިނިއަރިން ޑިއުޓީ އަދާކުރާ ސިފައިންގެ ދެ މީހަކު އޮޕަރޭޝަން ތިއޭޓަރުގައިވާ ކަމަށް ވެސް ފޭސްބުކް ޕޭޖުގައި ބުނެފައިވެ އެވެ. އޮޕަރޭޝަން ކޮށްފައި ވަނީ ޔޫކްރޭން ސިފައިންގެ ތެރޭގައި ހިމެނޭ އެންމެ ތަޖްރިބާކާރު ސާޖަން ކަމަށްވާ މޭޖާ ޖެނެރަލް އެންޑްރީ ވާބާ ކަމަށް ވެސް ބުނެފައިވެ އެވެ. އޮޕަރޭޝަނަށް ފަހު ސިފައިންގެ މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި އަތުބޮން ނެގުމަށް އޮޕަރޭޝަންކޮށްފައި ވަނީ އިލެކްޓްރޯގޯގިއުލޭޝަން ބޭނުން ނުކޮށެވެ. އިލެކްޓްރޯގޯގިއުލޭޝަން އަކީ އޮޕަރޭޝަނުގެ ތެރޭގައި އިލެކްޓްރިކް ކަރަންޓުގެ އެހީގައި ލޭމަނާކުރުމެވެ. އިލެކްޓްރޯގޯގިއުލޭޝަން ބޭނުންނުކުރީ އަތުބޮން ކޮންމެ ވަގުތަކު ވެސް ގޮވައިފާނެތީ އެވެ.

އޮޕަރޭޝަނަށް ފަހު އަތުބޮން ވަނީ ނައްތާލައިފަ އެވެ.

ސިފައިންގެ މީހާގެ މޭތެރެއަށް އަތުބޮން ދިޔައީ ކިހިނެއް ކަމެއް ނޭނގެ އެވެ. އަދި އެއީ ކޮން ތަނަކު ހުއްޓާ ވީކަމެއް ކަމެއް ވެސް ނޭނގެ އެވެ.

ރަޝިޔާ އިން ޔުކްރޭނާ ދެކޮޅަށް ހަނގުރާމަކުރާތާ މިހާރު 11 މަސް ދުވަސްވެއްޖެ އެވެ.