އާއިލާ އެއްކޮށް އެއް ސުފުރާ މަތިން ކެއުމަކީ މިހާރަކަށް އައިސް ދިވެހިންގެ ތެރެއިން ނެތެމުން ދާ ރީތި އާދަ އެކެވެ. ދިރިއުޅުމުގެ ހަލަބޮލި ކަމުގެ ތެރެއިން އެންމެން އެއްގަޑިއެއްގައި އެއްވެ ކެއުމަށް ދަތިވަނީ އެވެ.
ނަމަވެސް ދިރިއުޅުމުގެ ބުރަ ކަމުގެ ތެރެއިން ވެސް އާއިލާއާއެކު އެއް ސުފުރާމަތިން ކެއުމަކީ އެއްގޮތަށްވުރެ ގިނަ ގޮތުން ފައިދާތަކެއް ހުރި ކަމެކެވެ.
އެކެޑެމީ އޮފް ނިއުޓްރިޝަން އެންޑް ޑައިބެޓިކްސްގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އާއިލާ އެކުގައި ކެއުމަކީ ކުދިންނަށް ސިއްހަތު ރަނގަޅު ކާނާ ކެއުމަށް ބާރު އަޅާ ކަމެކެވެ.
"ދިރާސާ ތަކުން ދައްކާގޮތުގައި ގަވާއިދުން އެކުގައި ކައި އުޅޭ އާއިލާތަކުގެ މެދުގައި ގިނައިން މޭވާ އާއި ތަރުކާރީ އަދި ފައިބާ ހުންނަ ކާނާ ކެއުން އިތުރުވެ ތެލުލި ކާނާ ކެއުން މަދުވޭ،" އެ ޖަމާއަތުގެ އޮފިޝަލަކު ވިދާޅުވި އެވެ.
"އާއިލާއެކުގައި ކާނަމަ ކެއުމަށް ހުންނަ އޮށްޓަރު ރަނގަޅު ކާނާގެ ސަބަބުން އާ ކެއުންތައް ތަޖުރިބާކުރަން ކުދިން ބޭނުންވެ، އެ ކުދިނގެ ސިއްހަތާއި ބަރުދަން ވެސް ރަނގަޅު ކޮށްދޭ."
އޭގެ އިތުރުން އާއިލާ އެކުގައި އެއް ސުފުރާ މަތިން ކާނަމަ އާއިލާ ތެރޭގައި އޮންނަ ގުޅުން ވެސް ވަރުގަދަކޮށްދީ ބަދަހި ކޮށްދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، އެ ވަގުތުގައި އާއިލާ ތެރޭގައި ވާހަކަދެއްކުން އިތުރުވުމެވެ. އަދި އެފަދަ ވަގުތުތަކުގައި ކުޑަކުދިން އެ ކުދިންގެ އިހުސާސްތައް ވެސް ހިއްސާކުރަން ފަސޭހަވެ، އެކުދިންގެ އަހުލާގު ވެސް ރަނގަޅު ކުރަން ބާރު އެޅި، ސްކޫލުގައި ހޯދާ ނަތީޖާ ވެސް ރަނގަޅު ވެގެންދާ ކަމަށް މާހިރުން ބުނެ އެވެ.
އެހެން ކަމުން ދުވަހުގެ އެއް ކެއުން ނަމަވެސް އާއިލާ އެއްކޮށް އެއް ސުފުރާ މަތިން ކުރުމަށް އިސްކަމެއް ދިނުން ވަރަށް މުހިއްމެވެ.