ޕެރިސް (16 ޖެނުއަރީ) ފްރާންސްގެ ހުޅަނގުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ކުރިމަތިވެފައިވާ ތޫފާނުގެ ސަބަބުން އެ ސަރަހައްދުގެ ބޮޑު ބަޔަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެ އެވެ.

ފްރާންސްގައި ކަރަންޓް ފޯރުކޮށްދޭ މައި ކުންފުނި ކަމަށްވާ އެނެޑިސްއިން ބުނެފައިވަނީ ތޫފާނުގެ ސަބަބުން އެ ކުންފުނީގެ 75000 ވަރަކަށް ކަސްޓަމަރުންނަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

ފްރާންސްގެ ހުޅަނގުގެ ސަރަހައްދުތަކަށް ތޫފާނުގެ އަސަރުކޮށް އާއްމު ދިރިއުޅުމަށް ބުރޫ އަރާފައިވާއިރު ކުރިއަށް އޮތް ހަފްތާގައި ވެސް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ތޫފާނާއެކު ފްރާންސްގެ ސަރުކާރުން ވަނީ ހުޅަނގުގެ ސަރަހައްދުތަކަށް އޮރެންޖު އެލާޓް ނެރެ 20 އަށްވުރެ ގިނަ ރެސްކިއު ޓީމް އެ ސަރަހައްދަށް ފޮނުވާފަ އެވެ.

އެގޮތުން ގަދަ ވަޔާއެކު ބޯ ވާރޭ ވެހޭނެ ކަމަށް އެ ގައުމުގެ މީޓިއޮރޮލޮޖީއިން ލަފާ ކުރާއިރު ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާދިސާތައް ކުރިމަތި ވެދާނެ ކަމަށް އެ އިދާރާއިން ވަނީ އިންޒާރު ދީފަ އެވެ.

ފްރާންސްގެ އުތުރުގެ ސަރަހައްދުތަކަށް ވާރޭގެ ތޫފާނުގެ އަސަރު ކުރާނެ ކަމަށް ނުބެލެވުނު ނަމަވެސް އެ ސަރަހައްދު ތަކަށް ވެސް ބޯކޮށް ސްނޯ ފައިބާފާނެ ކަމަށް މީޓިއޮރޮލޮޖީއިން ބުނެފައިވެ އެވެ. -- އަލް އަރަބިއްޔާ