ވޮޝިންޓަން (18 ޖެނުއަރީ) އެމެރިކާއާއެކު ނިއުކްލިއާ އެއްބަސްވުމެއްގައި ބައިވެރިވާން އީރާނަށް ހުށައެޅި ހުށައެޅުމަށް އެގައުމުން ދެކޮޅު ހަދާފައިވާ ކަމަށް އެމެރިކާގެ ސެކެޓްރަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ވިދާޅުވެއްޖެ އެވެ.
ބްލިންކަން ވިދާޅުވީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުގައި ބައިވެރިވި އެހެން ގައުމުތަކުގެ ވެސް އެއްބާރުލުމާއެކު އެއްބަސްވުން އަލުން އިޔާދަ ކުރަން އީރާނަށް ހުށައެޅި ކަމަށާއި އެހެން ނަމަވެސް އީރާނުން އެކަމަށް ފުރަގަސް ދީފައިވާ ކަމަށެވެ.
"އެއްބަސްވުން ރުޖޫއަ ކުރަން ލިބުނު ފުރުސަތަށް އެމީހުން ވަނީ ފުރަގަސްދީފައި. ކުރީގެ އެއްބަސްވުން އަލުން އިޔާދަ ކުރަން ރަނުގެ ފުރުސަތެއް އީރާނަށް ލިބި އެ ފުރުސަތު މިހާރު ވަނީ ގެއްލިފައި" ނޫސްވެރިންގެ ބައްދަލުވުމެއްގައި ބްލިންކަން ވިދާޅުވި އެވެ.
ބްލިންކަން އިތުރަށް ވިދާޅުވީ މަޝްވަރާގެ މޭޒުން އެމެރިކާ ދުރަށް ނުދާ ކަމަށާއި ހާއްސަކޮށް އީރާނުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތަކާއެކު އެ މަޝްވަރާތައް ކުރުން އިހުނަށްވުރެ މުހިއްމު ވެފައިވާ ކަމަށެވެ.
އެހެން ނަމަވެސް ނިއުކްލިއާ އެއްބަސްވުމަށް އީރާނުން ދެމުން އަންނަ ފިނި ތާއީދާއެކު އެމެރިކާއިން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އީރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކަށް ކަމަށް ބްލިންކަން ވިދާޅުވި އެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވެރިކަމަށް އަރާ ވަޑައިގަތުމަށްފަހު 2015 ވަނަ އަހަރުގެ އީރާން ނިއުކްލިއާ އެއްބަސްވުން އަލުން އިޔާދަ ކުރަން ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ.
އީރާނުގެ ނިއުކްލިއާ ހަރަކާތްތައް މަޑުޖައްސާލުމުގެ ބަދަލުގައި އެމެރިކާއާއި ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރަން އެއްބަސްވެ ހަދާފއިވާ އެ އެއްބަސްވުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ 2018 ވަނަ އަހަރު އުވާލައްވައިފަ އެވެ. -- އަލް އަރަބިއްޔާ